މޯލްޑިވިއާނާ ސަފާރީން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ކޮވިޑް-19އާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މޯލްޑިވިއާނާ ސަފާރީ ކިޔާ ސަފާރީއަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، މިހާރު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ތިބެގެން، ރާއްޖޭގައި މޮނިޓާ ކޮށްފައި ވަނީ 4 އުޅަނދެކެވެ. އެއީ، ވީއެސްޖީ ގްލޯރީ ކާގޯ ބޯޓާއި، އާކް ނޯބަލް ސަފާރީއާއި، އެސްވައި ސްޓާސް އަދި އައިލެންޑް ސަފާރީއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާތަނަށް އައި އިރު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގާފައި ވަނީ 1093 ސާމްޕަލް ކަމަށެވެ. އަދި އޭގެ ތެރެއިން 17 ޕޮޒިޓިވްވެ، 1065 ނެގެޓިވް ވެފައި ވާއިރު 11 ސާމްޕަލްގެ ނަތީޖާ ނުލިބި އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 17 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.