ރާއްޖޭގެ އެކި ހޮސްޕިޓަލުތަކުގައި އެކު ޖުމްލަ 97 ވެންޓިލޭޓަރު މިވަގުތު އެބަހުރި ކަމަށް ކޮވިޑް-19 ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި އާއި އަމިއްލަ ހޮސްޕިޓަލްތަކުގައި މިހާރު ޖުމްލަ 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ގްރޭޓާ މާލެ ސަރަހައްދަށް 200 ވެންޓިލޭޓު ގާއިމު ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް މާލެ ސަރަހައްދަށް އިސްކަން ދީގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެންޓިލޭޓަރުތައް ގާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ނިންމާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިން ވަނީ ނަގާފައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ ޑިޕާޓްމަންޓްގެ ހެޑް، ޑރ. މޫސާ ހުސެއިން ވިދާޅުވީ ރާއްޖޭގައި ކްރިޓިކަލް ކެއާއަށް ޓްރެއިން ވެފައި ތިބި ޑޮކްޓަރުންގެ އަދަދު މަދު ކަމަށާއި، ކްރިޓިކަލް ކެއާ ދިނުމަށް ބޭނުން ވަނީ، އެކަމަށް ޓްރެއިން ވެފައިވާ، އަދި ވެންޓިލޭޓާ ވެސް މެނޭޖްކުރަން ދަންނަ މީހުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިްނ ދިނުމަށް ބޭނުންވާ ކަމަށް ޑރ. މޫސާ ވަނީ ވިދާޅުވެފައެވެ.
ކްރިޓިކަލް ކެއާ ޓްރެއިނިން ލިބިފައިވާ މީހުން މުޅި ދުނިޔޭގައި ވެސް ފުދޭވަރަކަށް މަދު ކަން ފާހަގަ ކުރައްވާ ޑރ. މޫސަ ވިދާޅުވީ، އިޓަލީން ވެސް މިފަދަ ޓްރެއިނިން ހަދާފައިވާ މީހުން ނުލިބިގެން އުޅޭ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ރިސޯސެސްތައް އެނެލައިޒް ކުރުމަށް ފަހު، ހުރިހާ ފަންތިއެއްގެވެސް ޑޮކްޓަރުން ކްރިޓިކަލް ކެއާ އަށް ޓްރެއިން ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުންދާ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.