ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ސްޕެއިންއިން މަރުވި މީހުންގެ އަދަދު 7340 އަށް އަރައިފިއެވެ.

މިއަދު އެކަނިވެސް ސްޕެއިންވަނީ 537 މަރު ރިޕޯޓްކޮށްފައެވެ.

ސްޕެއިންއިން މިއަދު 5085 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 85195 އަށް އަރާފައެވެ.

ކަމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ސްޕެއިން މިހާ ގިނަ އަދަދަކަށް މީހުން މަރުވަމުންދިއުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ސްޕެއިންގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ ބޮޑުވުމާ، އިޖުތިމާއީ އާދަކާދަ ހުންނަ ގޮތާ، ސިއްހީ ނިޒާމު ބަލިކަށިވެފައި އޮތުން ފަދަ އެތައް ސަބަބެއް މިކަމުގެ ފަހަތުގައި އެބައޮތްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ސްޕެއިންގެ ސިއްހީ އޮފިޝަލުންގެ ޓީމަކުން ކޮވިޑް-19އާ ގުޅިގެން ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

މިއަދުގެ މިހާ ހިސާބަށް އެންމެ ގިނަ ބަޔަކު މަރުވެގެން ދެން ރިޕޯޓް ކޮށްފައި ވަނީ އީރާނުންނެވެ. އީރާނުން މިއަދު އެކަނިވެސް 117 މަރެއް ރިޕޯޓްކޮށްފައި ވާއިރު، އެގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 2757 އަށް އަރާފައެވެ.

މެދުއިރުމަތީގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އީރާނުން 3186 މީހަކު މިއަދު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އީރާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 41495 އަށް އަރާފައެވެ.

މިއަދު ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވި 3 ވަނަ ގައުމަކީ ބެލްޖިއަމްއެވެ. ބެލްޖިއަމްއިން މިއަދު ޕޮޒިޓިވްވި 1063 މީހުންނާއެކު އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11899 އަށް އަރާފައެވެ.

މުޅި ދުނިޔެއަށް ބަލާއިރު އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ގައުމާ ސަރަހައްދަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 735276 އަށް އަރާފައެވެ. މީގެ ތެރެއިން 156137 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު، 34813 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.