ކާގޯ ފެލައިޓުތައް މެދުވެރިކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެެއާ ޕެކޭޖުތައް ފޮނުވޭނެގޮތް ހަމަޖައްސައިފި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރައީސްގެ އިރުޝާދާއެކު ފޮރިން މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން، ފުލުހުންނާއި ކަސްޓަމްސް އަދި މޯލްޑިވިއަން އިން މިކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ލަންކާއަށް މި އަންނަ އާދީއްތަ ދުވަހު އޮންނަ ފްލައިޓުގަ ލަންކާގައި ތިބި އާއިލާ މެންބަރުންނަށް ފޮނުވަން ބޭނުންވާ ކެއާ ޕެކޭޖުތައް ފޮނެވޭނެ އިންތިޒާމް ތަކެއް ރާވަމުން ގެންދަވާ ކަމަށެވެ.

"ލަންކާއަށް މި އަންނަ އާދީއްތަ ދުވަހު އޮންނަ ފްލައިޓުގަ ކެއާ ޕެކޭޖުތައް ފޮނެވޭނެ އިންތިޒާމް ތަކެއް ރާވަމުން ގެންދަވާ. އަދި އެއީ ކޮން އިންތިޒާމްތަކެއް ކަން ސާފުކޮށް ދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ދަންނަވާ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިހާރު އެހެން ގައުމު ތަކުގެ ހާލަތު ހުރި ގޮތުން އެހެން ފޮނުވާ ޕެކޭޖްތައް އެ ދުވަހުން އެދަވަހަށް ޑެލިވާ ނުވެދާނެ ކަމަށާއި، އެހެންކަމުން އެ ތަކެތި އެފަރާތް ތަކަށް ފޯރުކޮށް ދެވޭނެ އިންތިޒާމް ރާވަމުންދާ ކަމަށެވެ.

މަބްރޫކް މިފަދައިން ވިދާޅުވިއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާގައި ތިބި ދިވެހި އާއިލާތަކަށް ހަދިޔާ ފަދަ ތަކެތިި ފޮނުވަން ބޭނުންވާ ފަރާތްތަކަށް ކާގޯ ފްލައިޓު މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ކާގޯ ފްލައިޓަކީ ރާއްޖެއަށް ބޭނުންވާ މުދާ އުފުލުމުގެ ގޮތުން އެކުންފުނިން ބޭނުންކުރާ ފްލައިޓެވެ. އެ ފްލައިޓުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ މުދާ ފަދަ ތަކެތި އުފުލައިދެއެވެ. އިއްޔެވެސް އެ ކުންފުނީގެ ކާގޯ ބޯޓުން ވަނީ 10 ޓަނުގެ މުދާ ލަންކާއިން ހިފައިގެން ރާއްޖެ އައިސްފައެވެ. އެކުންފުނީގެ ކާގޯ ފްލައިޓު ލަންކާގެ އިތުރުން އިތުރު ހަތަރު ސަރަހައްދަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް19އާ ގުޅިގެން ލަންކާގައި ކާފިއުވެސް އިއުލާނު ކުރިއެވެ. އަދި ގެއިން ބޭރަށް ނިކުމެ އުޅުމުގައި ވަކި ވަގުތުތަކެއް، ކަނޑައާޅާ، ކޮންމެ ގޭބިސީއަކުން ވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ފިހާރަތަކަށް ޒިޔާރަތް ކުރުމުގައި ވެސް ވަކި ގޮތްތަކެއް ގެންގުޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ފިހާރަތަކަށް ވިޔަފާރި ކުރުމަށް ގޮސް އުޅުމުގައި ވެސް ވަކި ގޮތްތަކެއް އެގައުމުން ވަނީ ކަނޑައަޅާފައެވެ. އެކަމުގެ ސަބަބުން ދިވެހިންނަށްވެސް އެމީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.