ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 933 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ 139 ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 933 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އަދި ނަތީޖާ ނުލިބޭ 139 ސާމްޕަލްއެއް ހުރި ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 1089 ސާމްޕަލް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީ ވެލިދޫގައި 17 މީހަކު ތިބި ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި 3 މީހަކު އަދި ރާއްޖޭގެ އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ޖުމްލަ 867 މީހުން ތިބި ކަމަށެވެ. މަބްރޫކް ވިދާޅުވީ މިހާރު މޮނީޓަރިންގެ ހާލަތުގައި ތިބީ ވީއެސްޖީ ގްލޯރީ ކާގޯ ވެސެލްއާއި، އާކް ނޯބަލް ސަފާރީ އާއި، އައިލެންޑް ސަފާރީ އާއި، އަދި އެސްވައި ސްޓާސް އެންޑް ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތުގައި ކުރިން ތިބި ރިސޯޓުތައް މިހާރުވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 13 މީހަކު މި ބަލިން ރަނގަޅު ވެފައިވާއިރު، އޭގެތެރެއިން އަދިވެސް 2 މީހަކަށް ދަނީ ފަރުވާ ދެމުން ނެވެ.
ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުންވަނީ އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފައެވެ. އަދި އޭގެ އިތުރަށް ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި، ޖަމާއަތުގައި ނަމަދު ކުރުން މެދުކަނޑާލުންވެސް ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.