ދުވަހަކީ މާޗް މަހުގެ 26 ވަނަ ދުވަހެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ތަންފީޒުކުރަމުންދާ 21 ދުވަހުގެ ލޮކްޑައުން އަމުރުގެ 3 ވަނަ ދުވަހެވެ. އުމުރުން އެންމެ 15 އަހަރުގެ ހިމާންޝޫގެ މަންމަ، މަސައްކަތް ކުރަމުންދިޔައީ ދައުލަތުން އޮޕަރޭޓްކުރަމުންދާ މަދު ބަސްތަކުން ޖާގައެއް ލިބޭތޯއެވެ. އެއީ އެޗްއައިވީގެ ޝިކާރައަކަށްވެފައިވާ ހިމާންޝޫއަށް ބޭނުންވާ ބޭސް ހޯދުމަށެވެ. އެ ބޭސް ލިބެނީ ސަރުކާރުން ހިންގާ ހޮސްޕިޓަލަކުންނެވެ.
އެއީ ހިމާންޝޫއަށް ދެމުންދާ އެންޓި-ރެޓްރޯވައިރަލް ތެރަޕީގެ ބޭސް އާ ކުރަން ދިއުމަށް ކުރިންވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. އެ ބޭހަކީ އެޗްއައިވީ ކޮންޓްރޯލް ކުރުމަށް ހިމާންޝޫގެ އުމުރު ދުވަހަށް ބޭނުންކުރަންޖެހޭ ބޭހެކެވެ. ސަރުކާރު ހޮސްޕިޓަލުތަކުގައި ދަފްތަރު ކުރުމުން އެއްވެސް އަގަކާ ނުލާ މި ބޭސްތައް އިންތިޒާމު އޮންނަނީ ހަމަޖެހިފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ހުރަސްކޮށް، ހިމާންޝޫގެ މަންމައަށް ބަހުން ޖާގައެއް ދިނުމަށް ކޮންޑަކްޓަރު ދެކޮޅު ހެދިއެވެ. ވެރިރަށް ނިއު ދިއްލީގެ ކަލަވާތީ ސަރާން ޗިލްޑްރަން ހޮސްޕިޓަލުން ދޫކޮށްފައި އޮތް ލިޔުން ދައްކައިގެންވެސް އެކަން ވާ ގޮތެއް ނުވިއެވެ.
ހިމާންޝޫގެ ދިފާއަށް ދެން ތެދުވީ އޭނާގެ ބައްޕައެވެ. ބައިސްކަލެއްގައި ގޮސް ބޭސް ގެނައުމަށް މަސައްކަތް ފެށިއެވެ. ނަމަވެސް އޭނާއާއި ބައްދަލުވި ފުލުސް މީހާވެސް އެޅީ ހުރަހެވެ. ދަތުރައިގެން ކުރިއަށް ނުދެވި، އެނބުރި ގެއަށް ދިއުން ނޫން ގޮތެއް ނުދެއްކިއެވެ.
އިންޑިއާގައި އެޗްއައިވީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހައްގުގައި ވަކަލާތު ކުރަމުންދާ ނެޓްވާކްއެއްގެ ކޯޑިނޭޓަރު ނޫން ގާންގްތޭ ބުނީ، ހޮސްޕިޓަލުން ދޫކޮށްފައި އޮންނަ ލިޔުމަށް ބެލުމަށްފަހު ދިއްލީ ފުލުހުން ބައެއް ފަހަރު ދޫދޭ ކަމަށެވެ. އަނެއް ބައި ފަހަރު 'އެޗްއައިވީ'ގެ އަކުރުތައް ފެނުމާއެކު އެމީހަކު ފައްސާލާކަމަށްވެސް އޭނާ ބުންޏެވެ.
"އެއީ އެޗްއައިވީއާއެކު އަންނަ ކަމެއް. އެމީހުންނަށް ހީވެފައި އޮންނަނީ އެޗްއައިވީ ޕޭޝަންޓުންނަކީ ޖިންސީ 'މަސައްކަތްތެރިން' ކަމަށް. ނޫނީ ޑްރަގް އެޑިކްޓުންކަމަށް. މާޗް 25 ވަނަ ދުވަހުވެސް މި ނެޓްވާކްގެ މެމްބަރަކަށް ފުލުހުން ހަމަލާދިން. އެޗްއައިވީ ހުންނަ މީހުންނަށް ތަފާތު ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ނަމަވެސް، އަދިވެސް އެކަން އޮވޭ" ގާންގްތޭ ކިޔައިދިނެވެ.
އެޗްއައިވީއަށް ޕޮޒިޓިވް މީހުން ގޮތްހުސްވެފަ
ދުނިޔޭގެ ނިސްބަތުން ބަލާއިރު އެޗްއައިވީ ޕޮޒިޓިވް މީހުން 3 ވަނައަށް އެންމެ ގިނަ ގައުމަކީ އިންޑިއާއެވެ. އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ގާތްގަނޑަކަށް 21.4 މިލިއަނެއްހާ މީހުން އިންޑިއާގައި އުޅޭ ކަމަށް، 2017 ވަނަ އަހަރު އާންމުކޮށްފައިވާ ނޭޝަނަލް އެއިޑްސް ކޮންޓްރޯލް އޯގަނައިޒޭޝަންގެ ރެކޯޑްތަކުން ދައްކައެވެ.
އެޗްއައިވީ ޕޭޝަންޓުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާވެފައިވާ ގިނަ މީހުންނަކީ މިހާރުވެސް އިންތިހާ ފަގީރުކަމުގައި ދިރިއުޅޭ މީހުންނެވެ. އެފަދަ ގިނަ މީހުންނަކީ އާންމު ދަތުރުފަތުރުގެ ނިޒާމަށް ބަރޯސާވެފައިވާ މީހުންވެސްމެއެވެ.
ކަންމިހެން އޮތްއިރު، އިންޑިއާގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ހުއްޓުމަކަށް ގެނެސްފައިވަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިއުލާންކުރެއްވި ލޮކްޑައުން އަމުރާއެކުގައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއްބަޔަކީ އެޗްއައިވީ ޕޭޝަންޓުންނެވެ. މިހާ ހިސާބުން އަދި ނިމޭކަށް ނެތެވެ. ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ކިތަންމެ ބަޔަކަށް މިކަމުގެ ތަކުލީފުތައް އުފުލަން ވަނީ ޖެހިފައެވެ.
އިންޑިއާ ސަރުކާރުން ލޮކްޑައުން އަމުރު ތަންފީޒު ކުރަމުންދަނީ އަސާސީ މުދަލާ ބޭސްފަރުވާގެ ޒަރޫރީ ހިދުމަތް ހޯދަން ނިކުމެ އުޅޭއިރު ވަކި ލިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށެވެ. ރަށްފުށުގެ އަވަށްތަކުގައި ދިރިއުޅޭ މިފަދަ ޕޭޝަންޓުން ދަފްތަރުކޮށްފައި އޮންނަނީ ބޮޑެތި ސިޓީތަކުގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކުގައެވެ.
ހިމާންޝޫގެ މައިންބަފައިންނަށް އެންމެ ފަހުން ޖެހުނީ ފައިމަގުގައި ހޮސްޕިޓަލަށް ދާށެވެ. އެއީ ކޮޅަކަށް 19 ކިލޯމީޓަރުގެ ދުރު ރާސްތާއެކެވެ.
އެއްވެސް ރޭވުންތެރިކަމެއް ނެތް
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާ ލޮކްޑައުން ހާލަތަށް ގެންގޮސްފައިވަނީ އެކަށީގެންވާ ރޭވުންތެރިކަމެއް ނެތި ކަމަށް ފާޑުކިއާ ފަރާތްތަކުން ބުނެއެވެ.
ފާއިތުވީ ހަފުތާއެއްހާ ދުވަހު ސޯޝަލް މީޑިއާ ފީޑުތަކުންވެސް ފެނިފައިވަނީ މިފަދަ މަންޒަރުތަކެވެ. ފުލުހުން އާންމުންނަށް ހަމަލާދޭ މަންޒަރުތަކެވެ. ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލާ މަންޒަރުތަކެވެ. މަގުމަތީގައި ވިޔަފާރި ކުރަމުންދާ ގާޑިއާތަކުގެ ފުރޮޅުތައް ފަޅާލާ މަންޒަރުތަކެވެ. އަދި ފޯނަކުން ވާހަކަދައްކަމުންދިޔަ މީހެއްގެ ގައިގައި ފުލުހަކު ލަޓިބުރިއަކުން ތަޅަމުންދިޔަ މަންޒަރުވެސް ވަނީ ވައިރަލްވެފައެވެ.
ބޮޑެތި ކާރުހާނާތަކާ ވިޔަފާރިތައް ހުއްޓާލާ، އާންމު ދަތުރުފަތުރު މެދުކަނޑާލީ އެތަންތަނަށް ހިޖުރަކޮށްގެން މަސައްކަތްކުރާ މީހުން އަނބުރާ އަމިއްލަ ވަޒަނަށް އަންނާނެ ގޮތެއްވެސް ނުދައްކައެވެ. ގިނަ މީހުން އެތައް ސަތޭކަ ކިލޯމީޓަރެއްގެ ރާސްތާ ފެށީ ފައިމަގުގައެވެ.
ފާއިތުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 2 ފަހަރެއްގެ މަތިން މޯދީ ވަނީ ގައުމާ މުހާތަބު ކުރައްވާފައެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތުގައި އިންޑިއާގެ ރައްޔިތުން އަސާސީ ބޭނުންތައް ފުއްދާނެ ގޮތެއް ބަޔާންކޮށްދެއްވުމަށް މޯދީ ވަނީ ފެއިލްވެފައެވެ. ވަކިން ހާއްސަކޮށް، ދިގު މުއްދަތާ، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ކެކުޅުންތަކަށް ލުޔެއް ހޯއްދަވާ ދެއްވާފައެއް ނުވެއެވެ. މިއާއެކު، އޮޅުންބޮޅުމާ، ނުތަނަވަސްކަމާ، ހާސްކަން މުޅި އިންޑިއާ ވަށާލިއެވެ.
މޭރީ ލާމާ (އަސްލު ނަމެއް ނޫން)އަކީ، އެޗްއައިވީ ޕޭޝަންޓްއެކެވެ. ހަމަ މިއާއެކު އޭނާއަކީ ދުލަށް ކެންސަރުވެސް ޖެހިފައިވާ މީހެކެވެ. އަންނަ އޭޕްރިލް މަހަށް ސާޖަރީ ތާވަލުކޮށްފައިވާއިރު، އޭގެ ކުރިން ހަދަންޖެހޭ ޓެސްޓުތަކެއްވެސް އެބަހުއްޓެވެ.
ނަމަވެސް ކެންސަރު ބަލީގެ ޕޭޝަންޓުންގެ ފަރުވާތައްވެސް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އިންޑިއާގެ ރެކޯޑްތައް ދައްކާ ގޮތުން އެގައުމުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ 1.6 މިލިއަން މީހުން އެބަތިއްބެވެ. އެމީހުންގެ ކަންބޮޑުވުމެއް އެބައޮތެވެ. ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަމުންދާއިރު، ކެންސަރު ބަލިޖެހިފައިވާ މީހާގެ ހަށިގަނޑަށް އެ ބަލި ފެތުރި ފުރާނަ ގެއްލި ނުދާނެތޯ އެމީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
ހާލަތު މިދަރަޖައަށް ދިއުމުން މޯދީ ވަނީ ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ތަކުލީފުތައް ކުރިމަތިވަމުންދާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އަދިވެސް އެއްވެސް ކަމަކަށް ހައްލެއް ލިބުނު ކަމުގެ އިޝާރާތެއް އަދި ލިބިފައެއް ނެތެވެ.