ދިގު މުއްދަތަށް ބޭސް ނަގާ މީހުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ބޭސްސިޓީއަށް އަލުން ބޭސްނެގޭނެ ގޮތައް އާސަންދައިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އާސަންދައިން ބުނީ، ކޮވިޑް19 އިން ރައްކާތެރި ވުމުގެ ގޮތުން މިވަގުތު ރާއްޖޭގައި އިއުލާން ކުރެވިފައިވާ އާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް އާއްމުން ޒިޔާރަތް ކުރުން މަދުކުރުމުގެ ގޮތުން، ދިގު މުއްދަތަށް ބޭސް ނަގާ މީހުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ކުރިން ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސް ސިޓީއަކަށް އަލުން ބޭސް ނެގޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން "އާސަންދަ" ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީ އަކުންވެސް މިހިދުމަތް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުމުގެ ތެރޭގައި:

- ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީހުން ފެށިގެން 3 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ހިފައިގެން ފާމަސީއަށް ދިއުން

- ސްކީމްގެ ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދެއްވާފައިވާ ބޭސްސިޓީއެއްނަމަ، 6 މަސް ދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސް ސިޓީ ފާމަސީއަށް ގެންދިއުން

- މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުން

- ބޭސް ސިޓީއަކީ ދިގު މުއްދަތަށް ފަރުވާ ކުރާ ބައްޔަކަށް ދޫކުރެވި ފައިވާ ބޭސް ސިޓީއަކަށް ވުން

- ބޭސް ސިޓީގައި ހުންނަންވާ ހުރިހާ މައުލޫމާތު ތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މައުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސް ބޭނުންކުރަންވީ ވަގުތު ތަކާއި މުއްދަތު، ޑޮކްޓަރުގެ މައުލޫމާތު)

- ބޭސް ނަންގަވަން ވަޑައިގަންނަވާއިރު، ބަލިމީހާގެ އައި.ޑީ.ކާޑު އަދި ބޭސްސިޓީ ގެންދެވުން

އާސަންދައިން ބުނީ މިފަދަ ބޭސް ސިޓީތަކަށް ކުރިން އެހެން ކަމަކަށް އެވަގުތަށް ފަރުވާ ނަންގަވާ ފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއް ނުކުރާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުން ހަކުރު ބަލީގެ މީހަކު ޑޮކްޓަރަށް ދެއްކި އިރު ނުވަތަ ރޯގާ ޖެހިފައިވާ ނަމަ، އޭރު އެކަމަށް ލިޔެފައިވާ ބޭހާއި ހަކުރު ބައްޔަށް ލިޔެފައިވާ ބޭހުގެ ތެރެއިން އަލުން ދޫކުރެވޭނީ ހަމައެކަނި ހަކުރު ބައްޔަށް ދިން ބޭސް ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށް ނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުމުގެ ތެރޭގައި:

- ބޭސް ސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން 3 ދުވަސްވެފައި ނުވުން (ޑޮކްޓަރު އަލަށް ލިޔެދީފައިވާ ބޭސް ސިޓީއަކަށް)

- ބޭސް ސިޓީއަކީ ދިގު މުއްދަތަށް ފަރުވާ ކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސް ސިޓީއަކަށްވުން

- ބޭސް ސިޓީގައި ހުންނަންޖެހޭ ހުރިހާ މައުލޫމާތު ތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މައުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސް ބޭނުންކުރަންވީ ވަގުތު ތަކާއި މުއްދަތު، ޑޮކްޓަރުގެ މައުލޫމާތު)

- ބަލިމީހާގެ އައި.ޑީ ކާޑު ހިއްޕަވައިގެން ބޭސްނެގުމަށް ދިއުން

އާސަންދައިން ބުނީ މިފަދައިން އަމަލު ކުރެވޭނީ ހަމައެކަނި މިވަގުތު ރާއްޖޭގައި އިއުލާން ކުރެވިފައިވާ އާއްމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަނިކަމަށެވެ. އަދި މިހާލަތު ނިމުމަކަށް ގެނައުކަން ރަސްމީކޮށް އިއުލާން ކުރުމާއެކު، "އާސަންދަ" ސްކީމްގެ ހިދުމަތް ފޯރުކޮށްދޭނީ ކުރިންވެސް އެ ސްކީމްގެ ހިދުމަތް ފޯރުކޮށް ދެމުންދާ އުސޫލުން ކަމަށާއި، 30 ދުވަސް ހަމަވެފައިނުވާ، ސްކީމްގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ދޫކުރެވިފައިވާ ބޭސްސިޓީއަށް ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ، ދިގު މުއްދަތަށް ބޭސް ނަންގަވާ ފަރާތްތަކަށް އެގޮތަށް ބޭސް ނެގުމަށް ފުރުސަތު ދެވުނު ކަމުގައިވިޔަސް، އެފަރާތަކީ ބޭހުގެ ޑޯޒޭޖު ބަދަލު ކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ހޯދުމަށެވެ. އަދި މި ބަދަލާއެކު މި މަހުގެ 17 ވަނަ ދުވަހު އާސަންދައިން ނެރުނު ވަގުތީ އުސޫލު ބާތިލްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.