ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓުވާފައި އޮތް މާލެ، ހުޅުމާލެ ބުރިޖުގައި ވެހިކަލަކަށް ދުއްވޭ ގޮތަށް ހުޅުވާލައިފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދުން ފެށިގެން ހުރިހާ ވެހިކަލެއް ސްކޫލްތައް ހުޅުވުމާ ހަމަޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުރިހާ ގަޑިއެއްގައިވެސް ބްރިޖްމަތިން ދަތުރު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ބްރިޖަކީ ގިނަ އަދަދެއްގެ މީހުން އެއާޕޯޓަށް ދިއުމަށްވެސް ބޭނުން ކުރާ އެއް ތަނެވެ. ނަމަވެސް މި މަހުގެ 27ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލާފައެވެ. އެއާއެކުގައި ބްރިޖުމަތިން ދުއްވާ ޓެކްސީ ފަދަ އުޅަނދުތައް މަދުވެގެން ދިއައެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 17 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން ރާއްްޖެއިން ފަރުވާ ހޯދާފައިވާ 13 މީހަކު މިހާރު މި ވަނީ މި ބަލިން ރަނގަޅުވެފައެވެ. ބާކީ 2 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުން ނެވެ. އަދި ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން އައިލެންޑް ސަފާރީގައި ތިބި 2 ފަތުރުވެރިއެއްގެ ނަތީޖާ ޕޮޒިޓިވްކަން އެނގިފައި ވަނީ އެ ދެ ފަތުރުވެރިން ރާއްޖެއިން އިޓަލީއަށް ފުރުވާލި ފަހުންނެވެ. އެ ދެ ފަތުރުވެރިން ނަކީ ކުރިން އައިލެންޑް ސަފާރީން ޕޮޒިޓިވްވި 2 ފަތުރުވެރިންނާ ކޮންޓެކްޓްވި އިތުރު ދެ ފަތުރުވެރިން ކަމަށާއި އެމީހުން ރާއްޖެއިން ފުރާފައިވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖެއިން ފަރުވާ ހޯދަމުންދާ ދެ ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދެ ދިވެހިންނެވެ. މިހާރު ރާއްޖޭގައި ކަރަންޓީންގައި ބައިތިއްބާ ހުރިހާ ފަރާތްތައް މި ބައްޔަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.