މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާއާއެކު އެއް ކޮޓަރިއެއްގައި އިތުރު މީހަކު ހުރި ކަމަށާއި، އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެ މައްސަލާގައި އެންމެ ފުރަތަމަ ޓެސްޓު ކުރީ އަލާމާތްތައް ގައިން ފެނުނު މީހާ ކަމަށެވެ. އަދި އެ މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވުމާ އެކު ދެވަނަ މީހާ ވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެއްސަކީ ޔޫކޭއިން ރާއްޖެ އައުމަށް ފަހު ރޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. ޔޫކޭއިން އައި ދިވެއްސަކު ކޮވިޑް19އަށް ޕޮޒިޓިވް ވެފައި ވާއިރު، ޔޫކޭ އިން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރި، 38 އަހަރުގެ ދިވެއްސަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިިވްކަން އެނގިފައި ވަނީ، މިމަހު 22 ވަނަ ދުވަހު ރާއްޖެ އައިސް، ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ވަނިކޮށް 25 ވަނަ ދުވަހު ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންނެވެ.
ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 17 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އޭގެތެރެއިން ރާއްްޖެއިން ފަރުވާ ހޯދާފައިވާ 13 މީހަކު މިހާރު މި ވަނީ މި ބަލިން ރަނގަޅު ވެފައެވެ. ބާކީ 2 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އަދި ޕޮޒިޓިވް ވި 17 މީހުންގެ ތެރެއިން އައިލެންޑް ސަފާރީގައި ތިބި 2 ފަތުރުވެރިއެއްގެ ނަތީޖާ ޕޮޒިޓިވްކަން އެނގިފައި ވަނީ އެ ދެ ފަތުރުވެރިން ރާއްޖެއިން އިޓަލީއަށް ފުރުވާލި ފަހުންނެވެ. އެ ދެ ފަތުރުވެރިންނަކީ ކުރިން އައިލެންޑް ސަފާރީން ޕޮޒިޓިވް ވި 2 ފަތުރުވެރިންނާ ކޮންޓެކްޓްވި އިތުރު ދެ ފަތުރުވެރިން ކަމަށާއި އެމީހުން ރާއްޖެއިން ފުރާފައިވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މިވަގުތު ރާއްޖެއިން ފަރުވާ ހޯދަމުންދާ ދެ ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދެ ދިވެހިންނެވެ. މިހާރު ރާއްޖޭގައި ކަރަންޓީންގައި ބައިތިއްބާ ހުރިހާ ފަރާތްތައް މި ބައްޔަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.