ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ކުރިއަށް ގެންދާ ދިރާސާ ފަރުވާގެ މަޝްރޫއު، ނޯވޭގައި ފަށަން ތައްޔާރުވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

'ސޮލިޑާރިޓީ'ގެ ނަމުގައި ޑަބްލިއު.އެޗް.އޯއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ދިރާސާ ފަރުވާގެ މަޝްރޫއުގެ ދަށުން، ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ނޯވޭގެ ޕޭޝަންޓުންނަށެވެ.

ފުރަތަމަ ޕޭޝަންޓަށް ފަރުވާ ދޭން ފަށަން ހަމަޖެހިފައިވަނީ ނޯވޭގެ އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލުގައި ކަމަށް، ނޯވޭގެ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ. މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާނީ ނޯވޭގެ ރިސާޗް ކައުންސިލްގެ ޑައިރެކްޓަރު ޔޯ-އާނެރެ ތިންގެންކަމަށް ޚަބަރު ލިބެއެވެ.

މި ދިރާސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޯވޭގެ އެކި ހިސާބުތަކުން 22 ހޮސްޕިޓަލެއް ހިމެނޭ ގޮތަށެވެ. މި ދިރާސާގެ ދަށުން ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ ބައެއް ޑްރަގް ނުވަތަ ބޭހުގެ ތެރޭގައި މެލޭރިއާއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ހައިޑޮރޮކްސީކްލޯރިކުއީން/ޕްލެކެނަލް، އެބޯލާ ޑްރަގް ރެމްޑެސިވިއާ އަދި އެޗްއައިވީގެ ފަރުވާގައި ބޭނުންކުރާ ލޯޕިނަވިއާ/ރިޓޯނަވިއާ އަދި ހެޕަޓައިޓިސް ޑްރަގް އިންޓަފެރޯން ބީޓާވަންއޭ އެއްކޮށް ނުވަތަ ވަކިން ދޭ ދިނުން ހިމެނެއެވެ.

މި ދިރާސާ ކުރިއަށްދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިރާސާ ޓީމުތަކުންވެސް މައުލޫމާތު އެއްކުރަމުންދާނެއެވެ. އެގޮތުން މި ޕޭޝަންޓުންނަށް އަންނަ ބަދަލުތަކާ، އެ ބޭހެގު ސަބަބުން ފުރާނަ ސަލާމަތް ކުރުމަށްވެދޭ އެހީއާ، އިންޓެންސިވް ކެއާގައި ނުވަތަ ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މުއްދަތު ވިލަރެސްކުރެވިގެންދާނެ އެވެ.

ކޮވިޑް-19ގެ ފެށުމަކީ ކޮބައިކަން އަދިވެސް ކަށަވަރުވެފައި ނުވާއިރު، މި ބައްޔަށް އަދި ވަކި ބޭހެއް ކަނޑައެޅިފައެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔަށް ފަރުވާ ކުރަމުންދަނީ، ބަލިޖެހިފައިވާ މީހާގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެން އެ އަސަރުތަކަށެވެ.