ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ނަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދިނުމަށް ޑރ. ނިޔާފް އެދިވަޑައިގެންފި އެވެ.

ޑރ. ނިޔާފް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫއިން ކުރި ޓްވީޓެއް ރިޓްވީޓް ކުރައްވަމުންނެވެ. އެގޮތުން ރޭ ދުނިޔޭގެ އެކި ކަންކޮޅު ތަކުތަކުގައި ފާހަގަކުރި އާތް އަވާ ފާހަގަ ކުރުމަށް ދިރާގާއި އުރީދޫއިން ވަނީ ރޭގެ 08:30 ގައި ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތް ތެރިންގެ އަގުވަޒަން ކުރުމަށް އެންމެން ވެސް އަތްތިލަބަޑި ޖެހުމަށް އެދިފައެވެ.

ދިރާގާއި އުރީދުން ކުރި މި ޓްވީޓް، ރިޓްވީޓް ކުރައްވަމުން ޑރ. ނިޔާފް ވަނީ ސައްހީ ހިދުމަތްތެރިން ވަމުންދާ މިފަދަ ގުރުބާނީ ތައް މަދުކުރުމަށް އެހީތެރިވާން ބޭނުންވާ ނަމަ، ސިއްހީ އެހީތެރިން ނަށް ބަލިން ރައްކާތެރި ވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ހަމައެހެންމެ ޑރ. ނިޔާފް ވަނީ ހޭޝްޓެގެއްގައި އެންމެންވެސް ރަމްޒީ މަސައްކަތް ތައް މަދުކޮށް، އަމަލީގޮތުން މިކަމަށްޓަކައި މަސައްކަތް ތައް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި މާލޭގެ އިތުރުން، މާލެއިން ބޭރަށްވެސް ފިކުރު ކުރުމަށް ޑރ. ނިޔާފުވަނީ އެދިވަޑައިގެންފައެވެ.

ޑރ. ނިޔާފް މިފަދައިން ގޮވާލައްވާފައި ވާއިރު، ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ބައެއް އާލާތްތައް ހޯދުމަށް މެލޭޝިއާ ސަރުކާރުގައި އެދިވަޑައިނެގްފައެވެ. އަދި ޖަވާބުގައި މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝަމުއްދީން ހުސައިން ވިދާޅުވީ، އެތަކެތި ރާއްޖެއަށް ފޯރުކޮށް ދިނުމުގައި މެލޭޝިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ.

ކޮވިޑް19ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ވަނީ ބަލިން ރައްކާތެރި ވުމަށް ބޭނުންވާ މާސްކް، ގޮގްލްސް ސޫޓް، އަންގި އަދި ވެންޓިލޭޓަރު ފަދަ އާލާތްތައްވެސް ހުސްވާން ފަށާފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 2 މީހަކު ރާއްޖެ ދޫކޮށް ގޮސްފައި ވާއިރު، 11 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.