ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގައި ކަރަންޓީން ކުރާ އެންމެން ޓެސްޓު ކުރަން ނިންމައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ އަބްދުއްލަތީފު ވިދާޅުވީ، ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެން ދޫކޮށްލާއިރު ކޮވިޑް-19 ގެ ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މިގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން، އެކަމުގެ ތަޖުރިބާއަށް ބަލާފަައި ކަމަށެވެ. އަދި އެގޮތައް ނިންމާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ގައިޑްލައިންސްގެ މައްޗަށް ބަލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ތަކުގައި ތިބޭ މީހުން ނެރޭއިރު އެގްޒިޓް ސްކްރީނިން ހަދަން ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅެފައެވެ. މިގޮތަށް ދޫކުރާ މީހުން ޓެސްޓް ކުރުމަށް ބޭނުންވާ ވަރަށް ކިޓް ހުރި ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖެއިން ބޭރުން އައިސް ކަރްންޓީން ފެސިލިޓީތަކުގައި ތިބޭ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައި ވާއިރު، މިއަދު ވަނީ އައްޑޫއިން ޑޮކްޓަރަކާއި ދެ ނަރުހުން އަމިއްލައަށް އައިސޮލޭޓް ވެފައެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި މިހާރު ޖުމްލަ 860 މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 17 ފަރާތެކެވެ. އެއީ 15 ބިދޭސީންނާއި 2 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 4 މީހުންނަށެވެ.