ސްޕެއިންއިން އިޓަލީވިލާތުގެ މިލާންއަށް ވެލޭންސިއާގެ 3000 އެއްހާ ސަޕޯޓަރުން، ފެބުރުވަރީ 19 ވަނަ ދުވަހު ދަތުރުކުރީ ޗެމްޕިއަންސް ލީގުގައި އެޓްލާންޓާއާއި ދެކޮޅަށް ކުޅޭ މެޗު ބަލާލުމަށެވެ.

އެ މެޗު ބެލުމަށް އިޓަލީވިލާތުންވެސް 40000 އެއްހާ ސަޕޯޓަރުން ވަނެވެ. ގިނަ މީހުންނަކީ ލޮމްބާރްދިޔާގެ ބެރްގޭމޯ ސަރަހައްދާ، އެއާ ކައިރި ހިސާބުތަކުގެ މީހުންނެވެ.

މެޗު ބަލަން އިޓަލީވިލާތަށް ދަތުރުކުރި މީހުން އެނބުރި ގައުމަށް ދިޔައިރު އެމީހުންނާއެކު އިތުރު އެއްޗެއްވެސް އަނބުރާ ގެންދިއުމުގެ ފުރުސަތު އޮތްކަން ބެރްގޭމޯގެ މޭޔަރު ޖޯޖިއޯ ގޯރީ ވަނީ ފާހަގަކުރައްވާފައެވެ. އެއީ މިހާތަނަށްވެސް އެ ވައިރަހަކާ ބެހޭ މާ ބޮޑު ތަފްސީލެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހެވެ.

އެ މެޗު ކުރިއަށްދިޔަ ވަގުތަކީ ވައިރަސް ފެތުރިގެން ދިއުމަށް އޮތް ފުރުސަތަކަށްވުން އެކަށީގެންވާކަމަށްވެސް ގޯރީ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސްޕެއިންއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 73235 އަށް އަރާފައެވެ. މަރުވިމީހުންގެ އަދަދު 5982 އަށް ވަނީ އަރާފައެވެ. އިއްޔެ އެކަނިވެސް 7516 މީހަކު މުޅިން އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މަރުވި މީހުންގެ އަދަދު ވަނީ 844 އަށް އަރާފައެވެ.

އިޓަލީވިލާތުގައި ކުރިއަށްދިޔަ ފުޓުބޯޅަ މެޗަކީ ސްޕެއިންގައި ހަލުވިކަމާއެކު ބަލި ފެތުރިގެން ދިއުމަށް މެދުވެރިވި އެއް ސަބަބު ކަމުގައި ބުނެވިދާނެއެވެ. މީގެ އިތުރުން މޫސުން ހުރި ގޮތުން ކެފޭއާއި ބާތަކަށް ދިޔަ މީހުންގެ އަދަދު އިތުރުވުމާ، ގޮނޑުދޮށްތަކުގައި ވަގުތު ހޭދަކުރި ޖަމާއަތްތަކުގެ އަދަދު ގިނަވުމަކީވެސް ސްޕެއިންގައި ބަލިފެތުރިގެން ދިއުމަށް އެހީވި އިތުރު ސަބަބުތަކެކެވެ.

މިހުރިހާ ކަމަކަށް ބަލާއިރުވެސް، ސްޕެއިންއަކީ ކޮވިޑް-19ގެ ނުރައްކާ މަންޒިލަކަށްވެގެން ދިޔަ ސަބަބު ކަނޑައެޅި ބަޔާންކޮށްދޭން އަދި މާ ބޮޑު ހެއްކެއް ލިބިފައެއް ނެތެވެ.