މި ބިރުވެރިކަމާ ނާމާންކަމުގެ ތެރޭގައި އުޅެވޭތާ މިހާރު އެތައް ދުވަހެއް ވެއްޖެ ފަދައެވެ. ނަމަވެސް ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއެއް ގަދަވަމުން އަންނަ ކަމުގެ ޚަބަރުތައް ފެންމަތިވާން ފެށި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިންނެވެ. ޗައިނާގެ ސީފުޑް ބާޒާރެއް ހިންގަމުންދިޔަ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) މިއަދު މިވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ.
މި ވައިރަހާ ބެހޭ މައުލޫމާތާ ހަގީގަތް ދެނެގަތުމަށް ސައިންސްވެރިންނާ ސިއްހީ ތަޖުރިބާކާރުން ދަނީ ރެއާ ދުވާލު، ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ.
މި ވައިރަހަށް އިންފެކްޓްވެފައިވަނީ ކިތައް މީހުން؟
އަހާލާއިރު މިއީ އާދައިގެ ސުވާލަކަށްވީ ނަމަވެސް، މިއީ އިންތިހާއަށް މުހިންމު ސުވާލެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 663740 މީހުންނަށް މިވައިރަސް ޖެހިފައިވާކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ހެކިދެއެވެ. ނަމަވެސް މިއީ، ހަގީގަތުގައި އިންފެކްޓްވި މީހުންގެ ޖުމުލަ އަދަދު ކަމާ މެދު ސުވާލު އުފެދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ، ބައެއް މީހުންނަކީ ވައިރަސް ހުރެމެ، ބޭރުފުށުން އެއްވެސް އަލާމާތެއް ނުފެނުމުގެ ސަބަބުން ބައްޔަށް ޓެސްޓުވެސް ނުކުރާ މީހުން ކަމަށްވުމެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ފުރިހަމަ އަދަދެއް އެނގެން އަންނަނީ އެންޓިބޮޑީއެއް އުފެއްދިގެންނެވެ. އެއިރުން ވައިރަސް ޖެހިފައިވާ މީހުން ދެނެގަތުމަށް ދީރާސާ ޓީމަށް ފަސޭހަވެގެންދާނެއެވެ. ބަލި ފެތުރެމުންދާ ހަގީގީ ނިސްބަތްވެސް ދެނެގަނެވެން އޮތީ އެއިރުންނެވެ.
މިއީ ކިހާ ނުރައްކާތެރި ބައްޔެއް؟
ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ކަނޑައެޅިގެން ކިތައް މީހުންކަން ނޭނގެނީސް، މި ބަލީގައި މީހުން މަރުވާ ނިސްބަތަކީ ކޮބައިކަން ކަށަވަރުކޮށް ބުނާކަށް ނޭނގޭނެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް ބޭރުފުށަށް ނިޝާންތައް ނުފެންނަ ނުވަތަ އެސިމްޓޮމެޓިކް މީހުންގެ އަދަދު ހިމަނައިފިނަމަ މިއަދަދު ދަށްވުމަކީ އެކަށީގެންވާކަމެކެވެ.
އަލާމާތްތަކަކީ ކޮބާ؟
ކޮވިޑް-19ގެ އެންމެ އާންމު އަލާމާތްތަކަކީ ހުންއައުމާ ހިކި ޒާތެއްގެ ކެއްސުމެއް ހުރުމެވެ.
ކަރުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ބޭރަށް ހިނގާތީވެސް ބައެއް ކޭސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ވަސްދުވުމުގެ ހިއްސަށްވެސް އަސަރުތަކެއް ކުރާ ކަހަލަ ވާހަކަތަކެއް ވަނީ ރިޕޯޓްކޮށްފައެވެ.
ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް، ސުވާލު އުފެދޭ ކަމަކީ، އާދައިގެ އަރިދަފުސް ރޯގާއެއްގައި ފެންނަ ނޭފަތުން ފެން އައުމާ، ކިނބިހިއެޅުން ފަދަ އަލާމާތްތައް ބައެއް ޕޭޝަންޓުންގެ ކިބައިން ފެނިފައިވާކަމެވެ.
ދިރާސާތައް ބުނާ ގޮތުގައި މިއީ ކޮވިޑް-19ގެ ވައިރަސް ހުރި މީހެއްކަން އެނގުމުގެ ކުރިންވެސް އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުމުގެ ނުރައްކާ އޮތްކަން އަންގައިދޭ ފުރުސަތެކެވެ.
ބަލިފެތުރުމުގައި ކުޑަކުދިންގެ ދައުރަކީ ކޮބާ؟
ކުޑަކުދިންނަށްވެސް މި ވައިރަހުގެ އަސަރު ކުރެއެވެ. ނަމަވެސް ކުޑަކުދިންގެ ކިބައިން ފެންނަނީ ކުދިކުދި އަލާމާތްތަކެކެވެ. އެހެން އުމުރުފުރާތަކާ އަޅާ ބަލާއިރު މި ބަލީގައި ކުޑަކުދިންގެ ފުރާނަ ގެއްލިދާ މިންވަރުވެސް ދަށެވެ.
ކަންމިހެން އޮތްއިރު ކުޑަކުދިންނަކީ މި ވައިރަހުގެ މާސް ސްޕްރެޑާ ނުވަތަ ގިނަ ބަޔަކަށް ވައިރަސް ފަތުރާ ބައެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެހެނީ ކުޑަކުދިންނަކީ އަބަދުމެހެން ކޮންމެވެސް އެހެން ބަޔަކާއެކު އުޅޭނެ ކުދިންތަކަކަށް ވުމެވެ. ނަމަވެސް، ކުޑަކުދިންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރިގެންދާ ގޮތާ ބެހޭ މާ ބޮޑު ދިރާސާތަކެއް އަދި ހެދިފައެއް ނެތެވެ.
ވައިރަސް އައީ ކޮންތާކުން؟
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނުނު ސަރަހައްދަކުން ކަން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް ނޭނގެއެވެ.
ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯޒް-ކޮރޯނާވައިރަސް-2 ނުވަތަ ސާސްކޮވް-2ގެ ނަންދީފައިވާ މި ވައިރަހަކީ، ވާލަށްޖެހޭ އިންފެކްޝަނަކާ ގާތްގުޅުމެއް އޮތް ވައިރަހެއްކަން އެނގެއެވެ. ނަމަވެސް އިންސާނުންގެ ގަޔަށް މި ވައިރަސް ފޯރާފައިވަނީ ވާލުގެ ޒަރިއްޔާއިން ކަން ނުވަތަ ނޫންކަންވެސް އަދި ކަށަވަރެއް ނުވެއެވެ. ނުވަތަ، މި ވައިރަސް އިންސާނުންގެ ގަޔަށް ފޯރާފައިވަނީ، ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރަކަށް މި ވައިރަސް ފޯރާފައިވަނިކޮށް، އެ ޖަނަވާރުގެ ޒަރިޔާއިން ކަމެއް ނުވަތަ ނޫންކަމެއްވެސް އަދި ނޭނގެއެވެ.
މި ގުޅުން ގުޅުވާދޭ ލިންކް އަދި އޮތީ ނުހޯދި އޮތް ބޮޑު ސުވާލުގެ ގޮތުގައެވެ.
ހޫނުމޫސުމުގެ ދުވަސްވަރު ބަލިމަޑުކަން ކުޑަވާނެތަ؟
އެކި ކަހަލަ އަރިދަފުސް ރޯގާތަކާ ފްލޫ އާންމު ގޮތެއްގައި އިތުރުވާ މޫސުންތަކެއް ހުރެއެވެ. ބޭރު ގައުމުތަކަށް ބަލާނަމަ ފިނި މޫސުމުގެ ދުވަސްވަރު މިކަންތައް ބޮޑުވެއެވެ. ކަންމިހެން އޮތްއިރު، ކޮވިޑް-19އަކީ ކުރިއަށް އޮތް ހޫނު މޫސުމުގެ ދުވަސްވަރު އޮބިގެންދާނެ ބަލިމަޑުކަމެކޭ ބުނާކަށް އަދި ނޭނގެއެވެ.
ކޮވިޑް-19އާ މޫސުމާ އެއްވެސް ގުޅުމެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް ސާބިތުކުރެވިފައެއް އަދި ނެތެވެ.
ހޫނު މޫސުމުގެ ދުވަސްވަރު، މޫސުމާ ގުޅިގެން ބަލިމަޑުކަމުގެ ދުވެލި މަޑުޖެހިއްޖެ ނަމަ އަނެއްކާވެސް ފިނިމޫސުމުގެ ދުވަސްވަރު ބަލިމަޑުކަން އިތަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
ބައެއް މީހުންގެ ހަށިގަނޑުން ބޮޑެތި އަލާމާތްތަކެއް ފެންނަނީ ކީއްވެ؟
ކޮވިޑް-19ގެ ވައިރަހުގެ އަސަރު ކުރާ ގިނަ މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް 20 ޕަސެންޓް މީހުންގެ ހަށިގަނޑުން ބޮޑެތި އަލާމާތްތަކެއް ފެނެއެވެ.
މިކަން ގުޅެނީ އެމީހެއްގެ ދިފާއީ ނިޒާމާ ކަމަށް ބެލިދާނެއެވެ. އަދި ޖެނެޓިކްސް ކަންތައްތަކެއްވެސް މިކަމުގައި އެކުލެވުން އެކަށީގެންވެއެވެ. ނަމަވެސް ކަށަވަރުކޮށް ޖަވާބެއް ލިބޭ ދިރާސާއެއް އަދި ހެދިފައެއް ނެތެވެ. މި ފަދަ ދިރާސާއެއް ހެދިއްޖެނަމަ ކޮވިޑް-19ގެ ޝިކާރައަކަށްވެ އިންޓެންސިވް ކެއާއަށް ގެންދަންޖެހޭ މީހުންގެ އަދަދު މަދުކުރެވުމުގެ ފުރުސަތުވެސް އެބައޮތެވެ.
އިމިއުނިޓީ ލިބޭތަ؟ ކިހާ ދުވަހަކަށް ދެމިގެންދާނެ؟
ކޮވިޑް-19ގެ ވައިރަހުން ދިފާއުވުމަށް ހާއްސަ ބާރެއް ނުވަތަ އިމިއުނިޓީ ލިބޭ ކަމެއް ނުވަތަ ލިބިއްޖެނަމަ އެކަން ދެމި އޮންނާނީ ކިހާ ދުވަހަކަށް ކަމެއްވެސް އަދި ކަށަވަރުކޮށް ހޯދިފައެއް ނުވެއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވުމަށްފަހު ކާމިޔާބު ކަމާއެކު އެ ވައިރަހުން އެމީހަކު ސަލާމަތްވެއްޖެނަމަ އެމީހެއްގެ ދިފާއީ ނިޒާމުން އެ ވައިރަހާ ދެކޮޅަށް ކޮންމެވެސް ވަރެއްގެ ބާރެއް އުފައްދާފައިވާނެ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ކޮވިޑް-19 ފެނުނުފަހުން އަދި މާ ގިނަ ދުވަހެއް ވެފައިނުވާއިރު ދިގު މުއްދަތުގެ ތަފާސް ހިސާބުތަކެއް ބަލައިގެން ސާބިތު ޖަވާބެއް ދޭން ދައްޗެވެ.
ކޮވިޑް-19އަކީ ދެވަނަ ފަހަރަށްވެސް ޖެހޭ ވައިރަހެއް ކަމަށް ބުނާ އަޑުތަކެއްވެސް މީޑިއާގައި ދައުރުވެއެވެ. މިކަމުގެ ފުނަށް ފީނާލާއިރު، މިއީ އެމީހެއްގެ ހަށިގަނޑުން ބަލި ފަސޭހަވިކަމަށް ދެއްކި ޓެސްޓު ކުރިއިރު ގޯސްތަކެއް ހެދިފައި އޮތުމުން ދެއްކި ނުރަނގަޅު ނަތީޖާއެއްގެ ސަބަބުން މެދުވެރިވާ ގޮތަކަށްވުމުގެ ފުރުސަތުވެސް އެބައޮތެވެ.
ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ދެނެގަތުމަށްވެސް އިމިއުނިޓީ މުއްދަތައް އެނގުން މުހިންމުވެއެވެ.
ވައިރަސް ދަނީ ބާރުގަދަވަމުންތަ؟
ކޮވިޑް-19ގެ އިތުރު ވައިރަސްތަކެއް މިހާރު އުފެދިފައިވާކަމަށާ، އާ ވައިރަސްތަކަކީ ބާރުގަދަ ވައިރަސްތަކެއް ކަމަށްވެސް އަޑުތަކެއް ދަނީ ފެތުރެމުންނެވެ.
ވައިރަހަށް އަންނަ މިފަދަ ބަދަލުތައް ނުވަތަ މިއުޓޭޝަންތައް އާންމު ގޮތެއްގައި މެދުވެރިވަނީ އެ ވައިރަސްތަކުގެ ޖެނެޓިކް ކޯޑަށެވެ. މުޅި ވައިރަހަށް މާ ބޮޑު ބަދަލެއް ނާންނަކަމަށްވެއެވެ.
އާންމު އުސޫލަށް ބަލާއިރު ދިގުމުއްދަތުގައި ވައިރަސް ބަދަލުވެގެން ދަނީ އޭގެ ނުރައްކާ މާ ބޮޑު ނުވާފަދަ ގޮތަކަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މިފަދަ މާ ބޮޑު ހޯދުންތަކެއް އަދި ހޯދިފައެއް ނުވެއެވެ.