ކޮވިޑް-19 އާ ގުޅިގެން މާލޭގައި ހޯމް ކަރަންޓީނާއި ހޯމް އައިސޮލޭޝަންގައި 61 މީހަކު ތިބި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލޭގައި ހޯމް ކަރަންޓީނުގައި 44 މީހަކާއި ހޯމް އައިސޮލޭޝަންގައި 17 މީހެއް އެބަ ތިބި ކަމަށެވެ.

އޭގެ ތެރެއިން ހޯމް އައިސޮލޭޝަންގައި ތިބީ 13 ދިވެހިންނާއި 4 ބިދޭސީންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބީ 43 ދިވެހިންނާއި އެއް ބިދޭސީއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އެތެރެވާ އެންމެން ކަރަންޓީން ކުރަން ނިންމާފައި ވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.

ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދާ ތަންތަނަކީ ފަރުކޮޅު ފުށި، ވެލިދޫ އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް، ބިޔާދޫ އައިލެންޑް ރިސޯޓް، ހޮލިޑޭ އައިލެންޑް ރިސޯޓް، ވިލިވަރު އައިލެންޑް ރިސޯޓް، ކުޑަ ބަނޑޮސް، ދިއްގަރު އައިލެންޑް ރިސޯޓާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން އެޗްއައިއެޗެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 ފަރާތެކެވެ. އެއީ 15 ބިދޭސީންނާއި 1 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 3 މީހުންނަށެވެ.