ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެންނަމުން ދާއިރު، ފިލިޕީންސުން 63 ދިވެއްސަކު މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ފިލިޕީންސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި 63 މީހަކު ރާއްޖެ ގެނެސްފައި ވާކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިއަދު އެއްވެސް މީހަކު ރާއްޖެއަށް ޓޫރިސްޓް ވިސާ، ވޯކް ޕާމިޓް އެހެނިހެން ވިސާގައިވެސް އައިސްފައި ނުވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިގްތިސޯދީގޮތުން އަނދަވަޅަކަށް ވެއްޓިފައި ވާއިރު، ސަރުކާރުން ވަނީ އިއްޔެއިން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިން ބަލައި އަންނަ ރެސްކިޔު ފްލައިޓުތަކާއި ކާގޯ ފްލައިޓުތައް މިހާރުވެސް އެއާޕޯޓަށް ޖައްސައެވެ. އަދި މިރެއިން ފެށިގެން އަންނަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދު ކުރަންވެސް މިއަދި ވަނީ ނިންމައިފިއެވެ.
އޮންއެރައިވަލް ވިސާ ހުއްޓުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓޭ އިރު، ފަތުރުވެރި ކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިހާތަނާށް ރާއްޖޭގެ 50 ރިސޯޓް ބަންދުކޮށްފައި ވާއިރު، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުރިހާ ރިސޯޓަކާއި ހޮޓާތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު، މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 ފަރާތެކެވެ. އެއީ 15 ބިދޭސީންނާއި 1 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 3 މީހުންނަށެވެ.