ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ތިން ރިސޯތަކާއި ސަފާރީއަކުން ނެގި ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓާއި، ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް އާއި، ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓް އަދި މާހާ ސަފާރީން ކޮވިޑަށް ޝައްކުވެގެން ނެގި ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރިސޯޓުތަކާއި ސަފާރީ މިހާރު ވާނީ އާންމު ހާކަތަށް ގެނެވިފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މާހާ ސަފާރީން ބިދޭސީއެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ބިދޭސީއެއްގެ ސާމްޕަލް ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ހަމައެއާއެކު ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ދިވެއްސެއްގެ ގައިން ސާމްޕަލް ނަގާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މީގެ އިތުރުން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ބިދޭސީއެއްގެ ގައިން ސާމްޕަލް ނަގާ އަދި ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ވެސް މި ބައްޔަށް ޝައްކަުވާ އަލާމާތްތައް ފެނިގެން ބިދޭސީއެއްގެ ގައިން ސާމްޕަލް ނަގާފައި ވާނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް19 އަށް ވަނީ 16 ފަރާތެއް ޕޮޒިޓިވް ވެފައެވެ. އެއީ 15 ބިދޭސީންނާއި 1 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހޫންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 3 މީހުންނެވެ.