ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދު ކުރަން ނިންމައިފިއެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މިރެއިން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ކޮންމެ ރެއަކު ރޭގަނޑު 9:00 ގައި އެއާޕޯޓް ބަންދު ކުރަން ފެށި ނަމަވެސް، ރާއްޖެ އަށް ބޭރުން ލިބޭ އެހީ ގެނައުމަށާއި އާއި މެޑިކަލް އިވެކުއޭޝަންތަކަށް އެއާޕޯޓް ހުޅުވާލާނެއެވެ.

މީގެ އިތުރުން ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރު ކުރިން ނޯޓިސް ދިނުމުންވެސް އެއާޕޯޓު ހުޅުވާލާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އިގްތިސޯދީގޮތުން އަނދަވަޅަކަށް ވެއްޓިފައިވާއިރު، ސަރުކާރުން ވަނީ އަންނަ އިއްޔެއިން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިން ބަލައި އަންނަ ރެސްކިޔު ފްލައިޓުތަކާއި ކާގޯ ފްލައިޓުތައް މިހާރުވެސް އެއާޕޯޓަށް ޖައްސައެވެ.

އޮންއެރައިވަލް ވިސާ ހުއްޓުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން ހުއްޓޭއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބެވެ. އަދި ކޮވިޑް-19އާ ގުޅިގެން މިހާތަނާށް ރާއްޖޭގެ 50 ރިސޯޓް ބަންދުކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުރިހާ ރިސޯޓަކާއި ހޮޓާތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.