ފާއިތުވީ 24 ގަޑިއެއްހާއިރު ތެރޭގައި ރިޕޯޓްކުރި 150 އާ ކޭހާއެކު އަވަށްޓެރި އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 933 އަށް އަރާފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 829 ކޭހެއް އޮތްއިރު، ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދަކީ 84 އެވެ. މި ބަލީގައި އިންޑިއާއިން 20 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.

މުޅި އިންޑިއާއަށް ޖުމުލަ ގޮތެއްގައި ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރަމުންދަނީ ކެރަލާއިންނެވެ. ވެރިރަށް ނިއު ދިއްލީއަށް ބަލާއިރު 33 އެކްޓިވް ކޭސްއެއް އުޅޭކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާގެ 27 ސްޓޭޓަކާ ޔޫނިއަން ޓެރިޓަރީތަކަކުން މި ވައިރަހުގެ އަސަރު ހުރި މީހުން ފެނިގެން ރިޕޯޓްކޮށްފައިވާއިރު، މުޅި ގައުމު އޮތީ ލޮކްޑައުން ހާލަތުގައެވެ. 21 ދުވަހުގެ މުއްދަތަށް ލޮކްޑައުން އިއުލާންކޮށްފައިވާއިރު، މިއީ ލޮކްޑައުންގެ 4 ވަނަ ދުވަހެވެ.