ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ ސްޕެއިންއިން ފާއިތުވީ 24 ގަޑިއިރެއްހާއިރު ތެރޭގައި މަރުވި 832 މީހުންނާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 5690 އަށް އަރާފައިވާކަމަށް، ސްޕެއިންގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ރެކޯޑްތަކުން ދައްކައިފިއެވެ.

މިއީ ހުކުރު ދުވަހު އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މިއީ އޭގެ ކުރީ 2 ދުވަހާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. މީގެ ކުރީ 2 ދުވަހު މިއަދަދު އުޅުނީ 19 ޕަސެންޓްގައެވެ.

ސްޕެއިންއަކީ ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ގައުމެވެ. ކަންމިހެން އޮތްއިރު ސްޕެއިންވެސް ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހަރަކާތްތައް ވީހާނވެސް ކުޑަކުރުމަށް މިހާރު ތަންފީޒުކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރު އަދި 2 ހަފުތާގެ މުއްދަތަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދަނީ، ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ ރައްކާތެރި ކަމުގެ ގޮތުން އަޅާ ސަމާނުތަކާ ގިއަރުތައް ވީ އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

ސްޕެއިންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 72000އަށްވުރެ މައްޗަށް އަރާފައެވެ.