ވިލާތު ބައްރުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވަމުން އަންނަ ޖަރުމަނުވިލާތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 6294 މީހަކު ޕޮޒިޓްވެފައިވާކަމަށާ، މިއީ ގާތްގަނޑަކަށް 15 ޕަސެންޓްގެ އިތުރުވުމެއް ކަމަށް، ޖަރުމަނުވިލާތުގެ އިންފެކްޝަސް ޑިޒީޒް އެންޑް ކޮންޓްރޯލް ސެންޓަރު ނުވަތަ ރޮބާޓް ކޯކް އިންސްޓިޓިއުޓްގެ ރެކޯޑްތަކުން ހާމަވެއްޖެއެވެ.

މިއާއެކު ޖަރުމަނުވިލާތުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 48582އަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވެފައިވަނީ 325 މީހުން ކަމަށް ޚަބަރު ލިބެއެވެ.

މިވަގުތު ހޯމް ކަރަންޓީނުގައި ހުންނެވި ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކެލްވަނީ މިހާރުވެސް އެގައުމުގައި ތަންފީޒުކުރަމުންދާ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގްގެ އަމުރު އަދިވެސް އެގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތަންފީޒުކުރަމުންދިއުމަށް އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މިއަދު އާންމުކުރެއްވި އޯޑިއޯ މެސެޖެއްގައި މާކެލް ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމާގައި ކޮންމެ މީހަކީވެސް މުހިންމު ދައުރެއް އަދާކުރާ މީހެއް ކަމަށާ، ހުރިހާ ރައްޔިތުންވެސް ވީހާވެސް ކެތްތެރިކަމާއެކު ތިއްބެވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މާކެލް އިތުރަށް ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދާ ކޭސްތައް ދެގުނަ އިތުރުވަމުންދަނީ ކޮންމެ 5.5 ދުވަހަކުން ކަމަށާ، މިއީ ކުރިއާ އަޅާ ބަލާއިރު ހެޔޮ ފާލެއް ކަމަށެވެ. މިއަދަދު ކުރިން ދެގުނަ ވަމުންދިޔައީ ކޮންމެ 2 ދުވަހަކުންނެވެ. ކަންމިހެން އޮތްނަމަވެސް ސިއްހީ ނިޒާމަށް ބާރު ކުޑަކުރަން ބޭނުންނަމަ މި މުއްދަތު 10 ދުވަހަށް ބަދަލުކުރަންޖެހޭކަންވެސް މާކެލް ވަނީ ފާހަގަކުރައްވާފައެވެ.

އިގުތިސޯދީ ހާލަތާ މެދު ކޮންމެ މީހަކުވެސް ނުތަނަވަސްވެ ހާސްވާނެކަން ގަބޫލުކުރައްވާކަމަށާ، ނަމަވެސް އަދު ކުރިމަތިލާންޖެހިފައިވާ ދަތި އުނދަގޫކަމުން އަރައިގަނެވޭނީ ކޮން ވަގުތަކުކަން ބުނެދޭން އެކަކަށްވެސް ނޭނގޭކަމަށެވެ.

ޖަރުމަނުވިލާތަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާތަނަށް 6 ވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމެވެ.