ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުންނަށް ހިންގި ޓެލިކިލާސް ޕްރޮގުރާމުތައް މާދަމާ އަލުން ފަށަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިކަން ސްކޫލްތަަކަށް އަންގައި މި ކުލާސްތައް މާދަމާ ފެށުމަށް ތައްޔާރު ވެފައިވާ ކަމަށެވެ.

ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށް ޓެލިކިލާސް ޔޭސްޓީވީން ގެނެސްދޭއިރު، ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ޓެލިކިލާސްތައް ގެނެސްދޭނީ މުންނާރު ޗެނަލް މެދުވެރިކޮށެވެ. އޭލެވެލް ކުދިންނަށް ކިލާސްތައް ކުރިއަށް ގެންދާނީ ދިވެހި ޗެނަލް މެދުވެރިކޮށެވެ. މި ކުލާސްތައް ކުރިއަށް ގެންދާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު 5:30އާ ހަމައަށެވެ.

ކޮވިޑް-19އާ ގުޅިގެން އެއް ހަފުތާއަށް ސްކޫލްތައް ބަންދު ކުުރުމާ ގުޅިގެން މި ކުލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރު ބަންދުކޮށް މުވައްޒަފުން ބޭރަށް ނުނުކުތުމަށް އިރުޝާދު ދިނުމާ ގުޅިގެން މި ކުލާސްތައް ވަގުތީ ގޮތުން މެދުކަނޑާލިއެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުވުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ފަށުންވެސް ވަނީ އެއް ހަފްތާއަށް ފަސްކޮށްފައެވެ.