ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ މިހާރު ވެލިދޫ އައިސޮލޭޝަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާއަކީ ކޮވިޑް19 އަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވި ދިވެހި މީހާއެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނީ، އިނގިރޭސި ވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރި މީހެކެވެ. އޭނާއަކީ އުމުރުން 38 އަހަރުގެ ދިވެއްސެކެވެ. އޭނާ މިމަހުގެ 22 ވަނަ ދުވަހު ކަރަންޓީނު ކޮށްފައި ވާއިރު އަލާމާތްތައް ފެނިފައި ވަނީ މިމަހު 25 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކަރަންޓީނު ކުރާ މީހުން ކޮވިޑް19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ އެމީހެއްގެ ފަރާތުން އަލާމާތްތައް ފެންނަން ފެށުމުންނެވެ. އެގޮތުން ޕޮޒިޓިވް ވި މީހާގެ ފަރާތުން މިމަހު 25 ވަނަ ދުވަހު އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގާ ޓެސްޓު ކުރި އިރު އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ މިހާރު ވަނީ ވެލިދޫ އައިލެންޑް ކަރަންޓީނު ފެސިލިޓީގައެވެ.

މި މީހާ ޕޮޒިޓިވް ވުމުން މިހާރު ކޮންޓެކްޓް ޓްރޭސްވި ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ. އެނގިފައިވާ ގޮތުގައި، އޭނާ ރާއްޖެ އައި ފްލައިޓުން އިތުރު ދިވެހިންވެސް ރާއްޖެ އައެވެ. އެގޮތުން އޭނާ ގައިގާ އެބަލި ހުރެ ނޭނގި ކަރަންޓީނު ފެސިލިޓީއާ ހަމައަށް ދިޔަ އިރު، އޭނާ ދަތުރު ކުރި ގޮތާއި، ލޯންޗެއްގައި ދިޔަނަމަ އޭގައި ތިބި ބަޔަކާއި، ލޯންޗާއި އެނޫންވެސް ތަނެއްގައި އޭނާގެ އަތްޖެހިފައި ވޭތޯއާއި، އަތް ޖެހުނު ތަނެއްގައި އެހެން މީހަކަށް އަތް ލެވުނުތޯވެސް ބަލަން ޖެހެއެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު، މިހާރު އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ.