ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު އިތުރު 2 މީހުން ރަނގަޅު ވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުއާޒް މޫސާ ވިދާޅުވީ، ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެހެންކަމުން މިހާތަނަށް މިބަލިން ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 16 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިންނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ރާއްޖޭގައި ފަރުވާ ދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު، މިހާރު އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ. އޭގެތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދިވެހި މީހާގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުންވަނީ އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފައެވެ. އަދި އޭގެ އިތުރަށް ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި، ޖަމާއަތުގައި ނަމަދު ކުރުން މެދުކަނޑާލުންވެސް ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.