ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 864 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 864 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އަދި ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 880 ސާމްޕަލް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީ ވެލިދޫގައި 20 މީހަކު ތިބި ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި 3 މީހަކު އަދި ރާއްޖޭގެ އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ޖުމްލަ 824 މީހުން ތިބި ކަމަށެވެ. އަދި އިއްޔެ މި ލިސްޓަށް އިތުރުވި އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި 70 މީހަކު ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު، މިހާރު އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ. އޭގެތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދިވެހި މީހާގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރުކާރުންވަނީ އޮން އެރައިވަލް ވިސާ ދިނުންވެސް މެދުކަނޑާލާފައެވެ. އަދި އޭގެ އިތުރަށް ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި، ޖަމާއަތުގައި ނަމަދު ކުރުން މެދުކަނޑާލުންވެސް ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.