ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އާބާދީގެ 3 ބިލިއަނެއްހާ މީހުން އެކަކު އަނެކަކާ އޮތް ސީދާ ގުޅުން ކެނޑި، ގެތަކުގައި ބަންދުވާންޖެހިފައި އޮތް ވާހަކައަކީ މިއަދު އާވަހަކެއް ނޫނެވެ. ލޮކްޑައުން ނުވަތަ ކަރަންޓީނުގައި އެތައް ބަޔަކު ތިބިއިރު މިކަން، ހަމަ މިފަދަ ތަޖުރިބާކުރަމުންދާ ބަޔަކު އެބައުޅެއެވެ. ސީދާ މި ދުނިޔޭގައި ނޫނަކަސް، މި ދުނިޔެއާއި ދާތި ގާތުގައެވެ. އެއީ ޖައްވުގައި މަސައްކަތްކުރަމުންދާ ޖައްވީފަޅުވެރިން ނުވަތަ އެސްޓްރޮނޯޓުންނެވެ.

އެސްޓްރޮނޯޓުންނަކީ ހަމަބިމާ ދުރުގައި، އެކަހެރިވެގެން ކުޑަކުޑަ ވެއްޓެއްގައި އެތައް ދުވަހެއް ހޭދަކުރަމުންދާ ބައެކެވެ. ބައެއްފަހަރު އަހަރު، ދެ އަހަރުވެސްވެއެވެ. ވީއިރު، މިފަދަ ހާލަތަކަށް ދުނިޔެ ގޮސްފައިވާއިރު، ލޮކްޑައުންގެ ތަޖުރިބާކާރުންދޭ އިރުޝާދަކީ ކޮބާ ހެއްޔެވެ؟

ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެއްގައި، އުމުރުން 60 އަހަރުގެ ރިޔާޓަޔަޑް އެސްޓްރޮނޯޓް ކްރިސް ހެޑްފީލްޑް ބުނި ދިން ފުރަތަމަ ކަމަކީ، ލޮކްޑައުންގައި ހުންނަ ދުވަސްވަރު، އެމީހަކު އެންމެ ބިރު ގަންނަ ކަމަކާ ކުރިމަތިލާ، އެކަން އިތުރަށް ދިރާސާކުރުމެވެ.

https://www.youtube.com/watch?v=4uL5sqe5Uk8&feature=youtu.be

ހެޑްފީލްޑް ބުނީ ބަޔަކާ އެކަހެރިވެ އައިސޮލޭޓްވެގެން ހުންނަންޖެހުމަކީ ބިރުވެރި އިހުސާސްތަކެއް ގެނުވާނެ ކަމެއް ކަމަށެވެ. ދެންވާނެ ގޮތެއް ނޭނގުން ފަދަ ކިތަންމެ ނުތަނަވަސްކަމެއް އެމީހަކު ވަށާލާއިރު، އެކަންކަމަށް ފުންކޮށް ވިސްނާ، ދިރާސާކުރުމަށް ހެޑްފީލްޑް އިރުޝާދުދެއެވެ. އެމީހަކު އެ ބިރުގަންނަ ކަމެއްގެ ތަޖުރިބާކާރަކަށްވުމަށްޓަކައި ފުރުސަތުގެ ބޭނުން ހިފުމަށް ހެޑްފީލްޑް ގޮވާލައެވެ.

ހަމަ މިފަދައިން، ލޮކްޑައުން މުއްދަތަކީ އާ ކަމެއް ދަސްކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައިވެސް ބެލިދާނެ ކަމަށް ހެޑްފީލްޑް ބުންޏެވެ. މިއީ ވަގުތު ނެތިގެން އެކަންކަން ނުކުރެވި ތިބި މީހުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ހޭޑްފީލްޑް ބުނާ ގޮތުގައި ލޮކްޑައުންގައި ކުރާ ކަންކަމަކީ އަދާޖެހެންދެން އެމީހަކު ދިރިއުޅުމުގައި އާދަވެގެން ކުރި ކަމަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. މުހިންމީ، އަމިއްލަ ނަފްސާ އާއިލާއަށް އަޅާލުމެވެ. އަދި އަމިއްލަ 'ޖައްވީއުޅަނދަށް' ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ދުރުވުން ކަމަށްވެސް ހެޑްފީލްޑް ބުންޏެވެ.

https://www.youtube.com/watch?v=Z_nhu-086fw&feature=youtu.be

ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން އައިއެސްއެސްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ އެސްޓްރޮނޯޓް ނިކް ހޭގް އިރުޝާދު ދެނީ ރޫޓިންއެއް ނުވަތަ ތާވަލެއް ގެންގުޅުމަށެވެ. އަދި ހުރިހާ ކަމެއްގެ ތެރެއިން އަމިއްލަ ނަފުސަށް ވަގުތު ހުސްކުރުމަށްވެސް އޭނާ އިރުޝާދުދެއެވެ.