މާލެ، ހުޅުމާލެ، ވިލިމާލެ، އަދިހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދު ތަކާއި ހުކުރު ނަމާދު ޖަމާއަތް މިސްކިތުގައި ނުކުރުމަށް ނިންމާފައިވާ ނިންމުން އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮވިޑް19 ރާއްޖެއިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ބަލައި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރި ކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މި މަހުގެ 18 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދިހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދު ތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތްއޮތުން އޭޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެރަށެއްގައި ވެސް އެހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް އިސްލާމިން މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، އަދި ދިވެހިބަހުން ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އެންގެވުމަށް ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް، އިސްތިއްފާރު ކުރުމަށް ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް19 ފެތުރެމުންދާތީ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް އަންގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.