ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އިޓަލީވިލާތުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 86498 އަށް އަރާފައިވާކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކައިފިއެވެ.

އަދަދުގެ ގޮތުން ބަލާއިރު މިއީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މި ބަލި ޖެހުނު މީހުންނަށްވުރެވެސް އިތުރު އަދަދެކެވެ. ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 81946 ކޭހެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 2 ގައުމަށްވުރެ ގިނައެވެ. އެމެރިކާއިން މިހާރު ލައްކައަކަށްވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާއިރު، މިފަދަ އަދަދުތަކަށް ބަލައިގެން ގައުމުތައް އަޅާ ކިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އެގޮތުން، ބައްޔަށް ޓެސްޓުކުރުމުގައި ގައުމުތަކުން އަމަލުކުރަމުންދާ އުސޫލާ، ހާލަތާ، އެ މައުލޫމާތު އާންމު ކުރަމުންދާ އުސޫލުތަކުގައި ފަރަގުތަކެއް ހުންނަކަމީ، މި އަދަދުތައް އަޅާކިއުން އެންމެ ބުއްދިވެރިކަމަށް ނުވާ އެއް ސަބަބެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 9000އަށްވުރެ މައްޗަށް އަރާފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ ސްޕެއިންއިނެވެ. ސްޕެއިންއިން 5138 މަރެއް ރިޕޯޓްކޮށްފައިވާއިރު ޗައިނާއިން 3295 މަރު އަދި އެމެރިކާއިން 1700 މަރެއް ރިޕޯޓްކޮށްފައިވާކަމަށް ޖޯން ހޮޕްކިންސްގެ ރެކޯޑްތަކުން ދައްކައެވެ.