ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މި މީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭނާގެ ގައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަނު ގައި ބެހެއްޓިފައި ކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގް ގެ ހާލަތުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާއިރު، ރެޒިޑެންސް މޯލްޑިވްސް އަދި ފިލިތެޔޮ ރިސޯޓުންވެސް ސާމްޕަލްތައް ނަގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސާމްޕަލް ނަގާފައިވަނީ ރެޒިޑެންސް މޯލްޑިވްސުން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތް ތަކެއް ހުރި 2 ދިވެއްސަކާއި، އަދި ފިލިތެޔޮ ރިސޯޓުން ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއެއްގެ އެވެ. މި މީހުންގެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އެ ދެ ރަށްވެސް މިހާރުވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 16 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.