ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒުކުރަމުންދާ އެއް ހުކުމަކީ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގް ކަމަށްވާއިރު، މިކަމުގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދަނީ އެކި މުނާސަބާތަކާ ހަފުލާތަކަށް ދުރާލާ ތައްޔާރުވަމުންދިޔަ މީހުންނަށެވެ. ނަމަވެސް ކުރިއަރާފައިވާ އަދުގެ ޒަމާނީ ޓެކްނޮލޮޖީއާއިއެކު މިއީ އަދި އެއްވުންތަކަށް މުޅިން ނޫނެކޭ ބުނަންވީ ވަގުތު ނޫންކަން ސާބިތުކޮށްދެމުންދާ ބަޔަކުވެސް އެބައުޅެއެވެ. މި އެއްވުންތައް އޮންނަނީ ގޭމިންގް ޕްލެޓްފޯމްތަކުގައެވެ.

ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް އިތުރުވަމުންދާ އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް ގޭގައި ތިބެން މަޖުބޫރުވެފައިވާއިރު، ކައިވެނި ހަފުލާތަކާ ދަސްވެނިވުމުގެ ރަސްމިއްޔާތުތަކުގެ އިތުރުން ބައެއް ކުލާސްތައްވެސް ގޭމިންގް ޕްލެޓްފޯމްގައި ހިންގާ މީހުން މަދެއް ނޫނެވެ.

ނިއު ޖާޒީގައި ދިރިއުޅެމުންދާ ޝާމިން އާޝާއާއި ނަޒްމުލް އަހުމަދަކީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ކައިވެނީގެ ގޮށް ޖަހާލުމަށް ތައްޔާރުވަމުންދާ 2 ލޯބިވެރިންނެވެ. ކައިވެނި ހަފުލާ ބާއްވާން ރާވާފައި އޮތީ ބްރޫކްލިންގައެވެ. ނަމަވެސް ކޮވިޑް-19އާއެކު އެޕްލޭނަށް މިވަނީ ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ.

"އަހަރެން މިއީ ބަލި މީހުން ގާތުގައި، ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މީހެއް. ކޮވިޑް-19 ކަމަށް ބެލޭ ޕޭޝަންޓުގައިވެސް އުޅެވިފަ ހުންނާނެ. ސިއްހީ ހިދުމަތްތެރިންނާވެސް އެކުގަ އުޅެވިފަ ހުންނާނެ. އެހެންވެ އިތުރު މީހަކު މިކަމަށް ހުށަހެޅޭކަށް އަހަރެން ބޭނުމެއް ނޫން" އުމުރުން 28 އަހަރުގެ އާޝާ ބުންޏެވެ.

އާޝާ ދަނީ މޭ މަހު އޮތް އޭނާގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށްވެސް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

އާޝާއަށް ކުއްލި ސިހުމެއް ދިނީ އޭނާގެ ހަޔާތުގެ ދުވަސްތައް އެމީހަކާއެކު ގުނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ އަހުމަދެވެ. އާޝާއަށް ރަމްޒީ ކައިވެނި ހަފުލާއެއް ބާއްވާދިނީ ނިންޓެންޑޯގެ ވީޑިއޯ ގޭމް " އެނިމަލް ކްރޮސިންގް: ނިއު ހޮރައިޒަންސް"ގައެވެ. އަސްލު ހަފުލާ ލަސްކޮށްލީ އަންނަ އަހަރުގެ ތާރީހަކަށެވެ.

ގެއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ލިބުނު ހާ އަވަހަށް ޝަރުއީ އިމުގެ ތެރެއިން ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް އާޝާއާއި އަހުމަދު ހުރީ ތައްޔާރުވެ، ރުހިގެންނެވެ.