ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 104142 އަށް އަރައިފިއެވެ.

އެމެރިކާއަކީ ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް އިންތިހާއަށް ބޮޑުވެގެން ހިނަގއިދާނެ ސަރަހައްދެއް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ދީފައިވާއިރު، އިއްޔެ އެކަނިވެސް އެމެރިކާއިންވަނީ 18000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން ގުޅިފައިވަނީ ޓެސްޓުކުރަމުންދާ މިންގަނޑުތަކާއެވެ. އެގޮތުން މިހާރުވެސް އެތައް ސަތޭކަ ހާސް ޓެސްޓެއް ހަދާފައިވާކަމަށް އެމެރިކާއިން ބުނެއެވެ.

ކަންމިހެން އޮތްއިރު އެއް ގައުމު އަނެއް ގައުމާ އަޅާ ކިއުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމަށް، ކަމާބެހޭ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގައުމުތަކުގައި ޓެސްޓުކުރުމަށް ގެންގުޅޭ އުސޫލުތަކާ ހަމަތައް ތަފާތުވާއިރު، ސިއްހީ ހިދުމަތުގެ ފެންވަރުގައިވެސް ފަރަގުތަކެއް ހުރުމުން ތަފާސް ހިސާބުތައް އަޅާ ކިއުމުގައި އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނެރެވިދާނެ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ އެމެރިކާއިން އިއްޔެ އެކަނިވެސް 400 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، މި ބަލީގައި އެގައުމުން ފުރާނަ ގެއްލުނު މީހުންގެ އަދަދު ވަނީ 1696 އަށް އަރާފައެވެ.