ކޮވިޑް-19އާ ގުޅިގެން ރެޒިޑެންސް މޯލްޑިވްސް އަދި ފިލިތެޔޮ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރެޒިޑެންސް މޯލްޑިވްސް ރިސޯޓާއި ފިލިތެޔޮ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ރެޒިޑެންސް މޯލްޑިވްސުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 2 ދިވެހިން ފެނިގެން އެމީހުންގެ ޓެސްޓު ހެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފިލިތެޔޮ ރިސޯޓުން ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނިފައިވާތީ، އެމީހުންގެ ޓެސްޓު ހެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 770 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 751 މީހުންނަކީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނެވެ. ދެން ތިބި 19 މީހުންނަކީ، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިމީހުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 16 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 15 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.