އައިލެންޑް ސަފާރީގައި ތިބި ފަތުރުވެރިންގެ ތެރެއިން މިއަދު ފުރައިގެން ދިޔަ 2 ފަތުރުވެރިން ޕޮޒިޓިވް ވި ކަން އެނގުނު ސާމްޕަލަކީ އޮންނަ އުސޫލުގެ ދަށުން ނަގަންވެސް ނުޖެހޭ ސާމްޕަލް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

އެ 2 ފަތުރުވެރިން ފުރައިގެން ދިއުމުގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވި ތޯ ނުވަތަ ނޫންތޯ އުފެދުނު ސުވާލަށް ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އާންމުކޮށް ކަރަންޓީނުގައި ތިބެ 14 ދުވަސް ހަމަކޮށް ދޫކޮށްލާ އެންމެންގެ ސާމްޕަލް ނަގާ ޓެސްޓް ކުރާ އުސޫލެއް ނޯންނަ ކަމަށެވެ. އެހެން ކަމުން މިއަދު ފުރައިގެން ދިޔަ 2 މީހުންގެ ސާމްޕަލަކީވެސް ކޮންމެހެން ނަގަން ޖެހޭ ސާމްޕަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަދު ޕޮޒިޓިވް ވި ކަން އެނގުނު ދެމީހުންގެ ސާމްޕަލް ނެގީ، ކަރަންޓީނުގައި ތިބޭ މީހުންގެ ގައިން ރެންޑަމްކޮށް ސާމްޕަލް ނަގާ އުސޫލުން ކަމަށެވެ. އަދި އެ 2 މީހުން ޕޮޒިޓިވް ވި ކަން، އެމީހުން ފުރިފަހުން އެނގުމަކީ މިހާރު އަމަލު ކުރަމުން އަންނަ އުސޫލު މުރާޖައާ ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

މަބްރޫކުގެ ވާހަކައަށް ބާރު ދެއްވަމުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ވިދާޅުވީ، އެ 2 މީހުން ފުރައިގެން ދިއުން ބަލައިގަންނަނީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ކަމަށާ، އެކަން އެހެން ދިމާވުމުން މިހާރު އަމަލު ކުރަމުންދާ އުސޫލުތައް ހަރުދަނާ ކުރަން ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ.

މިއަދު ފުރައިގެން ދިޔަ 2 މީހުންނާ ބެހޭ މައުލޫމާތު ފްލައިޓަށާއި އެމީހުންދާ މަންޒިލަށް އަންގާފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.