ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ނުސީދާ ގޮތުން ބަލާއިރު އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއް ބަޔަކީ ވައިގެ ތެރޭގައި އެކި ކޮޅުކޮޅަށް އުދުއްސަމުންދާ މަތިންދާ ބޯޓުތައް އޮޕަރޭޓް ކުރަމުންދާ ޕައިލެޓުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ މަންޒިލްތަކަށްވެސް ފްލައިޓް އޮޕަރޭޓްކުރަމުންދަނީ ހިތް ބިރުގަތް ނަމަވެސް ޖެހިލުމެއް ނެތިއެވެ. ހާލުގައިޖެހިފައިވާ މީހުން އެއްތަނުން އަނެއް ތަނަށް ބަދަލުކޮށްދިނުމަށާ، ކޮވިޑް-19ގެ ނުތަނަވަސްކަމުގެ ތެރޭގައި އާއިލާއާ ލޯބިވާ މީހުން ގާތަށް ދާން ބޭނުންވާ މީހުން އުފުލާ ދެނީވެސް މި ދެންނެވި ޕައިލެޓުންނެވެ. ރަސްމީ ޔުނީފޯމުގެ އިތުރުން ގިނަ ޕައިލެޓުން އިތުރު އެއްޗަކަށް ބޭނުން ކުރަނީ މާސްކްއެކެވެ. ނަމަވެސް މުއާސަލާތީ ކަންކަމަށް އެވެސް ނަގާ ފަހަރު އާދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ޕައިލެޓުން ސެލިއުޓް ކުރަމުންދަނިކޮށް ދާދިފަހުން ސޯޝަލްމީޑިއާގައި ވައިރަލްވި ވީޑިއޯއެއްގެ ސަބަބުން ބައެއް މީހުން އައީ ހިންޏެވެ. އަނެއް ބަޔަކު ރުޅި އައިއިރު، އެއީ ހަމަ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ.

މިދަންނަވަނީ މި ހިނގާ މާޗް މަހުގެ 20 ވަނަ ދުވަހު، އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގާދިޔަ ހާދިސާގެ ވާހަކައެވެ. އެއީ އިންޑިއާގެ ޕޫނާއިން ދިއްލީއަށް ދަތުރުކުރި ފްލައިޓްއެކެވެ. ރަންވޭ މައްޗަށް ބޯޓުޖައްސާފައި އޮއްވާ ދެން ފެނިގެންދަނީ ކޮކްޕިޓްގެ އެމާޖެންސީ އެގްޒިޓުން 2 ޕައިލެޓުން ބޭރަށް ފައިބާ މަންޒަރެވެ. ވެގެން އުޅޭ ގޮތެއް ބަލާލިއިރު އެނގިގެންދަނީ، ފްލައިޓްގެ އެންމެ އެންމެ ކުރީ ސީޓްގައި ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަސެންޖަރުންތަކެއް ތިބިކަމެވެ.

އެ ފަސެންޖަރުންގެ ޓެސްޓުތައް ހަދާފައިވާއިރު ނަތީޖާ ނެގެޓިވްއެވެ. ނަމަވެސް އެ ކޮކްޕިޓުން ފުންމާލި 2 ޕައިލެޓުން މިހާރުވެސް ދަނީ އަމިއްލައަށް ކަރަންޓީނުވެގެން 14 ދުވަހުގެ މުއްދަތު ގުނަމުންނެވެ. އެއާއޭޝީއާއިންވެސް ވަނީ މިފަދަ ކަމެއް ހިނގިކަން ކަށަވަރުކޮށްދީފައެވެ. ފުރަތަމަ ބަރީގައި ޝައްކު ކުރެވޭ ފަސެންޖަރުން ތަކެއް ތިބުމުން ބޯޓު ޕާކުކުރީ އެކަހެރި ތަނެއްގައި ކަމަށާ، ޝައްކުވާ ފަސެންޖަރުން ބޯޓުން ބެލީ އެންމެ ކުރީ ދޮރުން ކަމަށާ، ބާކީ ތިބި ފަސެންޖަރުން ބޭލީ ފަހަތު ދޮރުން ކަމަށް އެއާއޭޝިއާއިން ބުންޏެވެ. ނަމަވެސް ކޮކްޕިޓްގެ އެމާޖެންސީ ދޮރުން ފޭބުމަށް ނިންމި ނިންމުމަކީ އެ ފްލައިޓްގެ ކެޕްޓަންގެ ނިންމުމެއްކަންވެސް އެއާއޭޝިއާއިންވަނީ ފާހަގަކޮށްފައެވެ. އަދި ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޯޓު ޑިސްއިންފެކްޓްކުރިކަންވެސް އެއާލައިންއިންވަނީ ހާމަކޮށްފައެވެ.

https://www.youtube.com/watch?v=d46v0byWVyA&feature=youtu.be

ކޮވިޑް-19އަކީ އޭގެ ބިރުވެރިކަމާ ތަކުލީފުތަކާއެކު ގިނަ ބަޔަކު ނަފްސާނީ ނުތަނަވަސްކަމެއްގެ ތެރެއަށްވެސް ވައްޓާލާފައިވާ ބަލިމަޑުކަމެކެވެ. މި ވައިރަހުން ދުރުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް، އެޅެންހުރި ގޮތަކަށް ކޮންމެ މީހަކު ނަމަވެސް އަޅާނެއެވެ. ވީއިރު، މި ފްލައިޓްގެ ޕައިލެޓުންގެ ނިންމުންވެސް ވަކި ގޯހެއް ނޫންތާއެވެ!