ކޮވިޑް-19 އަށް ރާއްޖެ އައި ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ، އިނގިރޭސި ވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރި މީހަކު ކަމަށާއި، އޭނާއަކީ 38 އަހަރުގެ ދިވެއްސެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އޭނާ މިމަހުގެ 22 ވަނަ ދުވަހު ކަރަންޓީނު ކޮށްފައި ވާއިރު އަލާމާތްތައް ފެނިފައި ވަނީ މިމަހު 25 ވަނަ ދުވަހު ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ކަރަންޓީނު ކުރާ މީހުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ އެމީހެއްގެ ފަރާތުން އަލާމާތްތައް ފެންނަން ފެށުމުންނެވެ. އެގޮތުން ޕޮޒިޓިވް ވި މީހާގެ ފަރާތުން މިމަހު 25 ވަނަ ދުވަހު އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގާ ޓެސްޓު ކުރި އިރު އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އޭނާ ކަރަންޓީނު ކޮށްފައި ވަނީ ހޮލިޑޭ އައިލެންޑް ކަރަންޓީނު ފެސިލިޓީގައެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާ ޕޮޒިޓިވް ވުމުން މިހާރު ކޮންޓެކްޓް ޓްރޭސިން ނުވަތަ ބައްދަލުވި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި، އޭނާ ރާއްޖެ އައި ފުަލއިޓުން އިތުރު ދިވެހިންވެސް ރާއްޖެ އައެވެ. އެގޮތުން އޭނާ ގައިގާ އެބަލި ހުރެ ނޭނގި ކަރަންޓީނު ފެސިލިޓީއާ ހަމައަށް ދިޔަ އިރު، އޭނާ ދަތުރު ކުރި ގޮތާއި، ލޯންޗެއްގައި ދިޔަނަމަ އޭގައި ތިބި ބަޔަކާއި، ލޯންޗާއި އެނޫންވެސް ތަނެއްގައި އޭނާގެ އަތްޖެހިފައިވޭތޯއާއި، އަތް ޖެހުނު ތަނެއްގައި އެހެން މީހަކަށް އަތް ލެވުނުތޯވެސް ބަލަން ޖެހެއެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 14 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 ދިވެއްސަކާއި، 13 ބިދޭސީންނެވެ. އަދި މި މީހުންގެ ތެރެއިން 9 ބިދޭސީއަކު ވަނީ މިހާތަނަށް މި ބަލިން ރަނގަޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ކަރަންޓީނު ކުރުމަށް ފަހު އަނބުރާ ގައުމަށް ދިއުމަށް ހުއްދަ ދިން 2 މީހަކު، އިޓަލީއަށް ދިއުމަށް ފުރިފަހުން ޕޮޒިޓިވް ވެފައި ވާކަން ވަނީ އެނގިފައެވެ.