މިއަދު އެކަނިވެސް ރަޝިއާއިން 196 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައި ވާކަމަށާ، މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1036 އަށް އަރާފައި ވާކަމަށް ރަޝިއާގެ ކޮރޯނާވައިރަސް ހެޑްކުއާޓަރުން ހާމަކޮށްފިއެވެ.

މައިގަނޑު 85 ސަރަހައްދަކަށް ރަޝިއާ ބައިކޮށްފައި ވާއިރު މީގެ ތެރެއިން 58 ސަރަހައްދަކުން ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ދެމުންދާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ ވެރިރަށް މިސްކޯއިންނެވެ. މިސްކޯއިން އެކަނިވެސް 703 ކޭހެއް ރިޕޯޓް ކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިއަށް ބަލާއިރު ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ ހުރިހާ ކަމެއް އޮތީ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސްރަހު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އޮފިޝަލުންގެ ރާގުވަނީ ބަދަލުވާން ފަށާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ބޮޑުވެގެން ހިނގައިދާނެ ދަނޑިވަޅަކަށް ކަމާބެހޭ އިދާރާތަކުން ވަނީ ތައްޔާރުވާން ފަށާފައެވެ.

ޕޫޓިންވެސް ވަނީ ކޮވިޑް-19ގެ ނުރައްކަލަށް ސަމާލުވެ، ހުރިހާ އެންމެންވެސް ގޭގައި މަޑުކުރުމަށް ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް ހަފުތާއަކީ މުސާރަ ހިނގާ ގޮތަށް ހުރިހާ އެންމެންވެސް ގޭގައި ތިބޭނެ 'ޗުއްޓީ' ހަފުތާއެއް ކަމުގައި ޕޫޓިންވަނީ ހަމަޖައްސަވާފައެވެ.