ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 22000 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ފާއިތުވީ 24 ގަޑިއިރު ތެރޭ އެތައް ސަތޭކަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފިއެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމުކަމަށްވާ ސްޕެއިންއަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މަރުވި 655 މީހުންނާއެކު ސްޕެއިން އިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއިން މަރުވި މީހުންގެ އަދަދަށްވުރެ އިތުރުވެފައެވެ. ސްޕެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 4089 އަށް ވަނީ އަރާފައެވެ. މި ބަލީގައި މިހާތަނަށް ޗައިނާއިން މަރުވެފައިވަނީ 3287 މީހުންނެވެ.
ސްޕެއިންއަށްފަހު ކޮވިޑް-19ގެ ނުރައްކާ ދެން އެންމެ ބޮޑުވެފައިވަނީ އެމެރިކާގައެވެ. އެމެރިކާއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 69000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 1036 އަށް އަރާފައެވެ. އެމެރިކާގައި މި ބަލި ފެތުރެމުންދަނީ އިންތިހާ ހަލުވި މިނެއްގައި ކަމަށްވާއިރު، ކޮވިޑް-19ގެ އެޕިސެންޓާ ނުވަތަ ބަލި އެންމެ ބޮޑުވެގެންދާ ސަރަހައްދަކަށް އެމެރިކާ ވުމުގެ ފުރުސަތު އެބައޮތްކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލަކުވެސް ވަނީ ދެއްވާފައެވެ.
ކޮވިޑް-19ގެ އަދުގެ ހާލަތަށް ބަލާއިރު އެންމެ ނުރައްކާ ބޮޑުވެފައިވަނީ އިޓަލީވުލާތުގައެވެ. މި ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އިޓަލީވިލާތުންނެވެ. އިޓަލީވިލާތުގެ އާބާދީއަށް ބަލާއިރު ކޮންމެ 1 މިލިއަން މީހަކުން 1230 މީހަކީ ކޮވިޑް-19ގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އަދި ކޮންމެ 1 މިލިއަން މީހަކުން 124 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ޕާކިސްތާނުގައެވެ. ޕާކިސްތާނުން 1123 މީހަކު މި ވައިރަހަށް މިހާރު ޕޮޒިޓިވްވެފައިވާއިރު 8 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.