ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުގައި މުޅި ދުނިޔެ ޖެހިފައި ވާއިރު، ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބި ގައިދީން މަތިން ހަދާން ނައްތާ ނުލުމަށް އދއިން ގޮވާލައިފިއެވެ.

ކޮވިޑް-19ގެ ބިރުވެރިކަން ޖަލުތަކާ ޑިޓެންޝަން ސެންޓަރުތަކަށްވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓްވަނީ، ގައިދީންނާ ގައިދީން ތިބި މަރުކަޒުތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތައް މަތިން، ގައުމުތަކުގެ ސަރުކާރުތަކުން ހަނދާން ނައްތާލުމަށް ގޮވާލައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ވަސީލަތުގެ ގޮތުން ބަލާއިރު ގައުމުތަކުގެ ސަރުކާރުތަކަށް ބޮޑު ޕްރެޝަރެއް ކުރުމަތިވެ، އުނދަގޫ ނިންމުންތަކެއް ނިންމަންޖެހިފައިވާކަން ބެޝެލެޓްވަނީ ފާހަގަކުރައްވާފައެވެ.

ގައިދީން މަތިން ހަނދާ ނެތިކޮށް ނުލުމަށް ސަރުކާރުތަކަށް ގޮވާލައްވަމުން ބެޝެލެޓްވަނީ، ނަފްސާނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މަރުކަޒުތަކާ، ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ މަރުކަޒުތަކާ، ޔަތީމުކުދިންނަށް ހާއްސަކޮށްފައިވާ ހިޔާތަކުގައި ތިބި މީހުންނާ ކުދިންގެ މަތިން ހަނދާން ނައްތާލުމަށްވެސް ސަރުކާރުތަކަށް ގޮވާލައްވާފައެވެ. ނާޒުކު ހާލުގައިވާ މިފަރާތްތައް މަތިން ހަނދާން ނެތިކޮށްލެއްވިއްޖެ ނަމަ އޭގެ ކާރިސާ އިންތިހާ ބޮޑުވާނެކަމުގެ އިންޒާރުވެސް އޭނާވަނީ ދެއްވާފައެވެ.

މިފަދަ ހާލެއްގައި ސަރުކާރުތަކަށް އެޅިދާނެ ބައެއް ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ބެޝެލެޓް ވިދާޅުވީ، ޑިޓެންޝަން ސެންޓަރުތަކުގައި ތިބި މީހުންގެ އަދަދު ވީހާވެސް މަދުކޮށް، ނާޒުކު ގިންތިތަކަށް ފެތޭ މީހުން ވީހާވެސް އަވަހަކަށް ދޫކޮށްލުމުގެ މަސައްކަތް ކުރާނެ ގޮތްތަކެއް ހޯދިދާނެ ކަމަށެވެ.

މީގެ އިތުރުން ސިއްހީ ޗެކަޕްތައް ކުރިއަށް ގެންދިއުމަށާ، ހާއްސަ އެހީ ބޭނުންވާ ގައިދީންނާ މާބަނޑު ގައިދީންގެ އިތުރުން ހަގު އުމުރުގެ ގައިދީންގެ ޗެކްޕަތްތައް ވަރުގަދަ ކުރުމަށްވެސް ބެޝެލެޓްވަނީ އިލްތިމާސްކުރައްވާފައެވެ.

ރައްކާތެރިކަމުގެ ގޮތުން ގައިދީންނަށް އާއިލީ ބައްދަލުވުންތައް މިވަގުތު މެދުކަނޑާލާނަމަ، ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ ބޭނުންކޮށް އެފުރުސަތު ފަހިކޮށްދިނުމާ، ފޯނުކޯލަށް ހުއްދަ ދޭ މިންވަރު އިތުރު ކުރުން ފަދަ ފިޔަވަޅުތައް އެޅުމަށްވެސް އދގެ ހައި ކޮމިޝަނަރުވަނީ ގޮވާލައްވާފައެވެ.

ގައިދީންގެ ހައްގުތަކަކީ ހިމާޔަތް ކުރެވެންޖެހޭނެ ހައްގުތަކެއް ކަމަށް ބެޝެލެޓް ވަނީ ބާރުއަޅުއްވާފައެވެ. ބަލިމަޑުކަމެއް ފެތުރިފައި ނެތް ދުވަސްވަރު އަޅާފައިވާ ފިޔަވަޅުތަކަކީ ގައިދީންގެ ހައްގުތައް ނިގުޅައިގަނެވިގެންދާ ކަމަކަށް ވެގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.