ކޮވިޑް19 އަށް ޝައްކު ކުރެވިގެން ރީތި ބީޗް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމަތު ހިއްސާ ކުރުމަށް މިހާރު ދަރުބާރު ގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރީތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށާއި، އެހެންކަމުން އެރަށް މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ.

ރީތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި އެދެމީހުންގެ ނަތީޖާވެސް ވަނި ނެގެޓިވް ވެފައެވެ. މީގެކުރިން ވެސް ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާވެސް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބަކީ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން ނެވެ. އެފަސް މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި 2 މީހުންނާއި، އަނަންތަރާ ދިގު ރިސޯޓުން 2 މީހަކު އަދި އައިލެންޑް ސަފާރީ އިން ޕޮޒިޓިވް ވި އެކަކެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ރާއްޖޭގައި އޮން އެރައިވަލް ވިސާ ދިނުންވެސް ވަނީ މެދުކަނޑާލާ ފައެވެ. މިއާއެކު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކަށް އެތެރެ ނުވެވޭނެ އެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ.