ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 781 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ 17 ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 781 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން 17 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 798 ސާމްޕަލް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ

މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި 700 އަށް ވުރެން ގިނަ ފަރާތެއް ތިބި ކަމަށެވެ. އޭގެތެރެއިން ވެލިދޫގައި 18 ފަރާތެއް ތިބި އިރު، ފަރުކޮޅު ފުށީގައި އެއްވެސް މީހަކު ނެތް ކަމަށާއި، އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 3 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި ހުޅުލޭ ކަރަންޓީން ފެސިލިޓީގަ އެއް މީހަކު ކަރަންޓީން ކޮށްފައިވާ އިރު، ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި 64، ބިޔާދޫގައި 41، ކުޑަ ބަނޑޮސް ކަރަންޓިން ފެސިލިޓީގައި 114، ދިއްގިރި ކަރަންޓީން ފެސިލިޓީގައި 32، ހޮލިޑޭއި އައިލެންޑުގައި 150، ރޯޔަލް ކަރަންޓީން ފެސިލިޓީގައި 176 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި ވިލިވަރު ކަރަންޓީން ފެސިލިޓީގައި 31 މީހަކު ކަރަންޓީން ކޮށްފައިވާއިރު، އޭގެތެރެއިން 2 މީހަކު ކަރަންޓީން ކޮށްފައިވަނީ ސަފާރީއެއްގައި ކަމަށެވެ. އަދި މަޑިވަރު ކަރަންޓީން ފެސިލިޓީގައި 96 މީހުން ކަރަންޓީން ކޮށްފައިވާއިރު، ކަނޑިމާ މޯލްޑިވްސްގައި މިވަގުތު އެއްވެސް މީހަކު ކަރަންޓީން ކޮށްފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. އަދި ބަކީ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން ނެވެ. އެފަސް މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި 2 މީހުންނާއި، އަނަންތަރާ ދިގު ރިސޯޓުން 2 މީހަކު އަދި އައިލެންޑް ސަފާރީ އިން ޕޮޒިޓިވް ވި އެކަކެވެ.

ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. އަދި ރާއްޖޭގައި އޮން އެރައިވަލް ވިސާ ދިނުންވެސް ވަނި މެދިކަނޑާލާފައެވެ. މިއާއެކު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކަށް ނާދެވޭނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.