ކޮވިޑް-19އަށް ޝައްކު ކުރެވިގެން ހަކުރާ ހުރާއިން އިތުރު މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެެވެ.

އެމީހާ މިހާރު ވަނީ އެ ރިސޯޓުގައި އެކަހެރި ކޮށްފައި ކަމަށް އެޗްޕީއޭން ބުނާއިރު، އެޗްޕީއޭން ބުނީ، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.

ކޮވިޑް-19އަށް ޝައްކު ކުރެވޭ އިތުރު މީހަކު ސިނަމަން ހަކުރާ ހުރާއިން ފެނިފައިވާއިރު، އެ ރިސޯޓުން ވަނީ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ދެ ފަހަރެއްގެ މަތިން ބައެއްގެ ސާމްޕަލް ނަގާ ޓެސްޓުކޮށްފައެވެ. އަދި މި ކޭސްއާ ގުޅިގެން ވަނީ، ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ 3 ސްޓާފަކުވެސް އައިސޮލޭޓް ކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ބަލިޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ ޖުމްލަ 5 މީހުންނެވެ.