ސިއްހީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުއްލަވަމުންދާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ލީޑަރު ހާލިދާ ޒިއާ ވަގުތީ ގޮތުން ޖަލު ބަންދުން މިނިވަންކޮށްފައިވާކަމަށް އެނާގެ ޕާޓީއިން ހާމަކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންސާނިއްޔަތަށްޓަކައި ހާލިދާ ޒިއާ ޖަލު ބަންދުން މިނިވަންކޮށްފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. އަދި އެއީ އުމުރުފުޅުން މިހާރު 74 އަހަރު ފުރިފައިވާ ހާލިދާ ޒިއާއަށް މިހާރުން މިހާރަށް ބޭނުންވާ ސިއްހީ ފަރުވާ ހޯއްދެވުމަށް ދެވުނު ފުރުސަތެއް ކަމަށް ޚަބަރު ލިބެއެވެ.

ހަކުރު ބައްޔާ އާތްރައިޓިސްއަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހާލިޒާ ޒިއާ ޖަލު ބަންދުން މިނިވަންކޮށްފައިވަނީ މިމުއްދަތުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށް ޝަރުތުކުރުމަށް ފަހުގައެވެ. ނަމަވެސް އޭނާގެ އާއިލާއިން ދަނީ އިނގިރޭސިވިލާތުން ފަރުވާ ހޯދުމުގެ ފުރުސަތަށް އިޒުނަ ދެއްވުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދެމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ބަންގްލަދޭޝްގައި އާންމު އެއްވުންތައް ނުބޭއްވުމަށް ސަރުކާރުން އަންގާފައި އޮތްކަމުގައި ވީ ނަމަވެސް، ހާލިދާ ޒިއާ މިނިވަން ކުރުމާ ދިމާކޮށް އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ މަގުތަކަށް ޖަމާވެފައެވެ.

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސިޔާސީ އަދުއްވު، ހާލިދާ ޒިއާ، ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރައްވަން ފެއްޓެވީ 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.