ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އެންމެ ނުރައްކާ މަންޒިލަކާ ވުމާ ދިމާލަށް މިސްރާބު އެ ގައުމު މިސްރާބު ޖަހާފައިވާއިރު، މިކަމާ ކުރިމަތިލުމަށް 2 ޓްރިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ފާސްކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް) ގެ އަޣުލަބިއްޔަތުން ރުހުން ދީފިއެވެ.

މި އެހީގެ ޕެކޭޖު ތައާރަފުކުރުމަށް 96 މެމްބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

މިކަން މުހިންމު ވަނީ ކީއްވެ؟

މިއީ އެމެރިކާގެ ތާރީހުގައިވެސް ކުއްލި ހާލަތަކާ ގުޅިގެން ފާސްކުރި އެންމެ ބޮޑު އެހީގެ ޕެކޭޖެވެ. އަދި މިއީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްއާއި ކުރިމަތިލުމަށް ގާނޫނީ އިމުގެ ތެރެއިން އެމެރިކާއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅުވެސްމެއެވެ. މިދަނޑިވަޅަކީ ކޭސްތައް އިތުރުވަމުންދާ ވަރަކަށް ސިއްހީ ނިޒާމަށް ބާރުބޮޑުވެސް، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދު ހުއްޓުމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެކެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާގައި ބަންދުކޮށްފައިވާ ފިހާރައެއް ކައިރީގައި މީހަކު ހުއްޓިގެން/ފޮޓޯ: އޭޖޭ

ދެން ވާނީ ކިހިނެއް؟

ސެނެޓްގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ އެހީގެ ޕެކޭޖު ދެން ދަތުރުކުރާނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ މަޖިލީހުގެ ތިރިގެއަށެވެ. މި ބައްދަލުވުން އޮންނާނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. މި ވޯޓަކީ މެމްބަރުން އަނގަބަހުން "އާނ" ނުވަތަ "ނޫން" ބުނެގެން ނަގާ ވޯޓެކެވެ. ހައުސްއިން ބިލު ފާސްކުރުމާއެކު، ގާނޫނީ ހައިސިއްޔަތުން މިކަން ތަންފީޒުކުރުމަށްޓަކައި، ރައީސް ޑޮނާލްޑް ޓްރަމްޕް މި ބިލުގައި ސޮއިކުރައްވާ، ތަސްދީގުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.

ބިލްގައި އޮތީ ކޮން ވާހަކަތަކެއް؟

މި ބިލުގައި ހިމެނޭ މައިގަނޑު ހުށަހެޅުންތަކަށް ބަލާއިރު ވަކިވަކި ފަރުދުންނާ އާއިލާތަކަށް ސީދާ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 250 ބިލިއަން ޑޮލަރާ، ކުދި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވާ 350 ބިލިއަން ޑޮލަރާ، ވަޒީފާ ނެތް މީހުންނަށް ދޭ އިންޝުއަރަންސް އެހީގެ ގޮތުގައި ކަނޑައަޅާފައިވާ 250 ބިލިއަން ޑޮލަރާ، ހާލުގައިޖެހިފައިވާ ކުންފުނިތަކަށް އެހީވުމަށް ކަނޑައަޅާފައިވާ 500 ބިލިއަން ޑޮލަރުގެ އެހީ ފާގަކުރެވެއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދާ ހޮސްޕިޓަލުތަކަށް 130 ޑޮލަރުގެ އެހީއާއި، މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ސްޓޭޓް އަދި ލޯކަލް ކައުންސިލްތަކަށް ހާއްސަކޮށްގެން ކަނޑައަޅާފައިވާ 150 ބިލިއަން ޑޮލަރުވެސް މި ބިލްގައި ވަނީ ހިމަނާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ) އަދި ބްރެޒީލްގެ ރައީސް ޖޭއިރު ބްލޮސޮނާރޯ/ފޮޓޯ: އޭޕީ

މީގެ އިތުރުން އެމެރިކާގެ މަލީ ވުޒާރާގެ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އޭނާގެ އާއިލާގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މި ޕެކޭޖުގެ ތެރެއިން ލޯނާ އިންސްވެޓްމަންޓް ފައިސާ ނުލިބޭނެ އުސޫލުތަކެއްވެސް މި ޕެކޭޖުގައި ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ޕޮޒިޓިވްވި 13347 މީހުންނާއެކު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 68203އަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 247 މީހަކު އެމެރިކާއިން މި ބަލީގައި މަރުވިއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1027އަށް އަރާފައެވެ.