މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ހުށަހެޅިފައި ނުވާ މީހެއްގެ ހަށިގަނޑުން މި ވައިރަހުގެ އަސަރު ފެނުން ނުވަތަ ކޮމިއުނިޓީ ޓްރާންސްމިޝަން އެއް ފެށިދާނެ ކަމަށް އިންޑިއާ އޮތީ ސަމާލުވެއެވެ. އިއްޔެ އެކަނިވެސް 121 މީހަކު ކޮވިޑް-19އަށް އެގައުމުން ޕޮޒިޓިވްވެފައިވާއިރު، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 657އަށް ވަނީ އަރާފައެވެ. އިއްޔެ މަރުވި 2 މީހުންނާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 12 އަށް އެރީއެވެ.
ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާ ސަރުކާރުންދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އަންގާރަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފަށައިގެން 21 ދުވަހުގެ މުއްދަތަކަށް މުޅި ގައުމު އޮތީ ލޮކްޑައުން ހާލަތަށް ގެންގޮސް، އާންމު ދިރިއުޅުމުގެ ހުރިހާ އާދަކާދައެއްހެން ހުއްޓުވާލާފައެވެ. ނަމަވެސް، ދިރިއުޅުމެއް މަޑުޖެހުމެއް ލިބިފައި ނުވާ އެއް ބަޔަކީ ޑޮކްޓަރުންނެވެ. ސިއްހީ ހިދުމަތްތެރިންނެވެ. ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ސާބިތުވެތިބި ފަހުލަވާނުންނެވެ. އިންޑިއާގެ ޑޮކްޓަރަކު ސިފަކޮށްފައިވާ ގޮތުގައި މި ހަނގުރާމައަކީ އިންޑިއާއަށް ބަލި ގަބޫލުކުރާވަރަށްވުރެ ގެއްލުން ބޮޑު ހަނގުރާމައެކެވެ.
ތަޖުރިބަކާރުން ބުރަވާ ގޮތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާއަށް އަދިވެސް ފުރުސަތު އެބައޮތެވެ. އެހެން ނޫންނަމަ އެތައް މިލިއަން ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނީއެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑދް-19އާ ކުރިމަތިލާނެ ގާބިލުކަމެއް އެގައުމުގެ ސިއްހީ ނިޒާމަކު ނެތެވެ. ބައެއް ފަރާތަކުން ހަދާފައިވާ އާންދާސީ ހިސާބުތަކަށް ބަލާއިރު އިންޑިއާގެ އާބާދީގެ 10 ޕަސެންޓް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމުގައި ވީ ނަމަވެސް 130 މިލިއަން މީހުން ހޮސްޕިޓަލުތަކަށް މިސްރާބު ޖަހާނެއެވެ. ނަމަވެސް އޯގަނައިޒޭޝަން ފޮ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވަލޮޕްމަންޓް (އޯއީސީޑީ)ގެ ރެކޯޑްތައް ދައްކާ ގޮތުގައި، އިނޑިއާގެ ހޮސްޕިޓަލުތަކުގައި ހުރީ އާބާދީގެ ކޮންމެ 1000 މީހަކަށް 0.5 އެނދެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ދަށް ގިންތީގައި ހިމެނޭ ރޭޓެކެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތަށް ގެންގޮސްފައިވާއިރު، މި އެންމެންގެ ފުރާނަ ސާލަމަތްކުރުމުގެ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ ހިތްވަރުގަދަ ޓީމެކެވެ. ހަމައެކަނި ސިއްހީ ހިދުމަތްތެރިންނެއް ނޫނެވެ. ފުލުހުންނާ ޕައިލެޓުންނާ، ރޭލު ސްޓޭޝަންގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މީހުންވެސްމެއެވެ. މީގެ ތެރެއިންވެސް ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ވަކިން ބޮޑަށް ފާހަގަވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.
އިންޑިއާގެ ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ޑރ. ތާރިނީ ޖޮހްރީ ބުނީ މިފަދަ ކާރިސާއަކާ ކުރިމަތިލުމަށް އިންޑިއާގެ ސިއްހީ ދާއިރާ ތައްޔާރުވެފައި ނުވާކަމަށެވެ.
"ކޮވިޑް-19ގެ ވޯޑުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ނަރުހުންނަށް ސަލާމަތީ ގިއަރު އެބަހުރި. އެކަމަކު ސްކްރީނިންގްގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށް އެ ވަސީލަތެއް ނެތް. އެކަމަކު ހަގީގީ ނުރައްކަލުގައި ތިބީ އެފަދަ ޑޮކްޓަރުން. ގިނަ ޑޮކްޓަރުންތަކެއް ތިބީ މި ނުރައްކަލުގައި" ޑރ ޖޮހްރީ ބުންޏެވެ.
ޑރ ޕްރިޔާ ސްރިވާސްތަވާ ވަނީ މިހާރުން މިހަރަށް ވަގުތީ ހޮސްޕިޓަލުތައް އެޅުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އާބާދީގެ ތެރޭގައި ބަލި ފެތުރެން ފަށައިފިނަމަ މަސްރަހު ގޯސްވެގެންދާނެ ކަމަށާ، އެއީ ޑޮކްޓަރުންވެސް އެކަމަށް ތަމްރީނުވެފައިވާ ހާލަތަކަށް ނުވާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މި ދުވަސްވަރަކީ އިންޑިއާގައި އާންމު ރޯގާތައްވެސް ފެތުރެމުންދަ ދުވަސްވަރެއް ކަމުން ހާލަތު އިތުރަށް ގޯސްވަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ކިރިއާ ކެއްސާލިއަސް މީހުން ހޮސްޕިޓަލަށް އަންނައިރު، ކޮވިޑް-19ގެ އަލާމާތްތަކަށް މީހުން ހޭލުންތެރިކުރުވުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ޑރ ސްރިވާސްތަވާ ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 30އަށްވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް އެ ހިދުމަތުގައި ދެމި ހުރި ޑރ ވީކޭ ބަޓްރާ ބުނީ، ޑޮކްޓަރުންނަށް ކުރެވެންހުރި ހުރިހާ ކަމެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. ޑރ ބަޓްރާގެވެސް އެދުމަކީ ކުރިއަށް އޮތް ހަފުތާތަކުގައި ހުރިހާ އެންމެން ގޭގައި މަޑުކުރުމެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެހީވުމެވެ.
"އަމިއްލަ އާއިލާ ލޮލަށް ނުފެނި އެތައް ދުވަހެއް އެބަ ހޭދަވޭ ޕޭޝަންޓުންނަށް ފަރުވާ ދޭން އުޅޭތީ. އެއީ ވަރަށް ސްޓްރެސް ބޮޑު ކަމެއް. އަހަރެމެން ހަނގުރާމަކުރަމުން މިދަނީ ދުވަހަކުވެސް ހިޔާލުކުރެވިފައި އޮތް ދުޝްމަނަކާ ނޫން. ކުރިމަތިލާން ޖެހިދާނެ ކަމަށް ހީވެސްކުރެވުނު ދުޝްމަނަކާ ނޫން" ޑރ ބަޓްރާ ސިފަކުރިއެވެ.
ޑރ ބަޓްރާ ބުނީ މި ހަނގުރާމައިގެ ކުރީ ސަފުގައި ތިބީ ޑޮކްޓަރުން ކަމަށާ، ނަމަވެސް އެކަށީގެންވާ ހަލުވި މިނެއްގައި ޑޮކްޓަރުންނަށްވެސް ރައްކާތެރި ކަމުގެ އާލާތްތައް ނުލިބޭ ކަމަށެވެ. އަދި އެތަކެއްޗާ ނުލާ، މި ހަނގުރާމައަކީ ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިންޑިއާއިން މިހާރުވަނީ ކޮވިޑް-19އަށް ޓެސްޓުކުރުމުގެ ހުއްދަ ޕްރައިވެޓް ލެބޯޓްރީތަކަށްވެސް ދީފައެވެ. އަދި އެކަމަށް މީހުން ތަމްރީނުވެސްކޮށްފައެވެ.
"މީސް މީހުންގެ ގޭގެއަށް ގޮސް ސާމްޕަލް ނަގައިގެން އެ ޓެސްޓުކުރުމަކީ އަހަރެންނަށް އާދައިގެ ކަމެއް. ރައްކާތެރި ކަމާއެކު އެކަން ކުރަނީވެސް. އެކަމަކު ކޮވިޑް-19އަކީ މުޅިން ތަފާތު ކަމެއް. ހަމަ ހަގީގަތުގައިވެސް ބިރު ގަނޭ. އެކަމަކު އެހާ ފަސޭހައިން ދުލެއް ނުކުރާނަން" ޕްރައިވެޓް ލެބެއްގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރާ އަމަރުދީޕު ޗޯދަރީ ބުންޏެވެ.
ސިއްހީ ހިދުމަތްތެރިންގެ އިތުރުން ފުލުހުންގެ ހިދުމަތަކީވެސް ކުޑަ ކަމެއް ނޫނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރެވެން އޮތީ ވީހާވެސް ގިނަ ބަޔަކު އެކަހެރިކޮށް، ފުރަބަންދުކޮށްގެން ކަމަށްވާއިރު އެކަން އަމަލީ ގޮތުން ތަންފީޒުކުރޭތޯ ވިލަރެސްކުރަމުންދާ ބަޔަކީ ފުލުހުންނެވެ.
ހަމަ މިފަދައިން ކޮންމެ ބަލިމަޑުކަމަކުން އަރައިގަތުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ސާފުތާހިރުކަމެވެ. މި ހަނގުރާމާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ އަނެއް ބަޔަކީ ކުނި އުކާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނެވެ.
"ސާފު ތާހިރުކަމަކީ ބަލިނައްތާލުމުގެ އެންމެ ބޮޑު އެއް ހަތިޔާރު. އެކަމަކު ވަރަށް ބިރު ގަނޭ. ބައެއް މީހުން ހުރޭ ބޭނުންކޮށްފަ ހުންނަ ޓިޝޫ ޒާތުގެ އެއްޗިހި ރަނގަޅަށް ބަންދުނުކޮށް ހާއަށް ކުނިވަށިގަނޑުތަކަށް އަޅާފަ. އަނގިތައްވެސް ހުރޭ. އަހަރަމެން ސަލާމަތީ ފިޔަވަޅު އަޅައިގެން ތިއްބަސް، މިކަހަލަ ތަންތަން ފެނުނީމަ ބިރުގަނޭ. ޖެހިލުންވޭ" އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުނިއުކާލުމުގެ މަސައްކަތްކުރާ ކުންފުންޏެއް ގައި މަސައްކަތް ކުރާ ސޯނޫ ކުމާރު ބުންޏެވެ.
އިންޑިއާގެ އިމާރާތްތަކުގެ ގާޑުންނަށް ތިބޭ ފާރަވެރިންގެ ޒިންމާވެސް ވަކި ކުޑައެއް ނޫނެވެ. އެއީވެސް މަގުތަކަށް މީހުން ނިކުތުން ކޮންޓްރޯލް ކުރުމުގައި އިސް ދައުރެއް އަދާކުރާ ބައެކެވެ.
21 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތު އިއުލާން ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ މި 21 ދުވަހު ހިތްވަރުނުކޮށްފިނަމަ، އިންޑިއާ ދެން ދާނީ 21 އަހަރު ފަހަތަށް ކަމުގެ އިންޒާރު ދެއްވާފައެވެ.