ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު މިއަދު ހެނދުނު 07:25 ހިނގުމުގެ ނިޔަލަށް، 21283 އަށް އަރައިފިއެވެ.

މިއީ މިހާތަނަށް ބަލިޖެހުނު 471060 މީހުންނަށް ބަލާއިރު 16 ޕަސެންޓް މީހުންނެވެ. 114218 މީހަކު ފަރުވާ ހޯދައިގެން ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާއިރު، 14792 މީހެއްގެ ހާލު ސީރިއަސް ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 198 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އިއްޔެ އެކަނިވެސް އެގައުމުން 683 މީހުން މަރުވިއިރު މި ބަލީގައި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7503 އަށް އަރާފައެވެ. މިއީ ބަލީގެ ކޭސްތައް މިދިޔަ އަހަރުގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ފެނުނު ޗައިނާއިން މަރުވި މީހުންނަށްވުރެ 2 ގުނަ އިތުރު އަދަދެކެވެ. އިޓަލީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 74386 އަށް އަރައެވެ.

އިޓަލީވިލާތަށް ފަހު ބުދަ ދުވަސް ނިމުނު އިރު އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ ސްޕެއިންނެވެ. ސްޕެއިންއިން އިއްޔެ 656 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު ސްޕެއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 3647 އަށް އަރާފައެވެ. މިއީވެސް ޗައިނާއަށްވުރެ އިތުރު އަދަދެކެވެ. ސްޕެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 49515 އަށް އަރައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާގެ މިހާރުގެ ހާލަތަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން މުޅިން އަލަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ 67 ކޭހެކެވެ. މި ބަލީގައި އިއްޔެ މަރުވި މީހުންގެ އަދަދަކީ 7 ކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 81285އަށް އަރާއިރު މަރުވި މީހުންގެ ޖުމުލަ އަދަދަކީ 3287އެވެ.

ޗައިނާއާއި އިޓަލީވިލާތަށް ފަހު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވަމުންދާ މަންޒިލަކީ އެމެރިކާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންޒާރުކޮށްފައިވާއިރު އެމެރިކާގެ މަސްރަހުންވެސް ދެނީ ބިރުވެރި މެސެޖެކެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ޕޮޒިޓިވްވި 13347 މީހުންނާއެކު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 68203އަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 247 މީހަކު އެމެރިކާއިން މި ބަލީގައި މަރުވިއިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1027އަށް އަރާފައެވެ.

އަދާހަމައަށް އައިއިރުވެސް ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައެއް ނުވެއެވެ. ފަރުވާ ކުރަމުންދަނީ ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުން ފެންނަމުންދާ އަލާމާތްތަކަށެވެ.