އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިއް އޮން އެރައިވަލް ވިސާގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެެދުކަނޑާލަން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ އޮން އެރައިވަލް ވިސާ ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ މި މަހުގެ 27 އިން ފެށިގެން ކަމަށެވެ. ރިސޯޓުތަކުގައި ހުރި ފަތުރުވެރިންގެ ތެރެއިން އެނެމެ ފަހު ފަތުރުވެރިއާ ރާއްޖެއިން ފުރައިގެން ދާތާ 14 ދުވަސްފަހުން ރިސޯޓު މުވައްޒަފުންނަށް ފުރައިގެން ރަށްރަށަށް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް 50 ރިސޯޓު ބަންދުކޮށްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު މިއޮޓި ލޮކްޑައުންއަކަށް ގޮސްފައި ކަމަށެވެ. އޮން އެރައިވަލް ވިސާ ހުއްޓުމާ އެކު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުނީ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ތިބި ފަތުރުވެރިން ފުރައިގެން ދިއުމުން ރާއްޖޭގައި ހުރި ހުރިހާ ހިތާތަކާއި ރިސޯޓުތައް ވަގުތީ ގޮތުން ބަންދު ކުރެވޭނެ ކަމަށެވެ.
ފަތުރުވެރިން ރާއްޖެއަށް އައުން މަޑުޖައްސާލުމުން ދެން ރިސޯޓުތަކާއި ހޮޓާތައް ހިންގަން ހުޅުވައިގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި މިއީ މިވަގުތަށް ރައްކާތެރިވުމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅުކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އަޅާމުން ދާ ފިޔަވަޅުތަކަކީވެސް ރައްޔުތުން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަލުތަކެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް-19އާ ގުލީގެން ސްކޫލްތަކާއި ކޮލެޖްތަކާއި، ޔުނިވާސިޓީއަކާއި އަދި ސަރުކާރުގެ އިދާރާތައް، އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީ އަދި ސަތުކާރު އިދާރާތައް ހުޅުވޭނީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން މިއީ ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިހާތަނަށް ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 އަށް 13 ބިދޭސީއަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެތެރެއިން 5 މީހަކު ވަނީ މިހާރު މި ބަލިން ރަނގަޅުވެފައެވެ. ބަކީ ތިބި 8 މީހުންނަށް ފަރުވާދެމުންދާއިރު އެމީހުންގެ ހާލު ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެއެވެ.