ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު 3 މީހުން ރަނގަޅު ވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދާ 8 މީހުންގެ ތެރެއިން 3 މީހުން ރަނގަޅުވެއްޖެ ކަމަށެވެ.

އެހެންކަމުން މިހާރު ރާއްޖެއިން މި ބަލި ޖެހުނު 13 މީހުންގެ ތެރެއިން ރަނގަޅުވެފައި މިވަނީ 8 މީހުންނެވެ. އަދި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނީ 5 މީހުންނެވެ.

މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހުސް ބިދޭސީންނެވެ. އަދި މި ބައްޔަށް އެއްވެސް ދިވެއްސަކު ރާއްޖެއިން ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިނިސްޓްރީ އޮފް ހެލްްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލިދް ޓައިމްސް އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާއެކު އެމީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ، ހާލީޖު ޓައިމްސް އިން ބުނީ، އެ ގައުމުން މިއަދު އަލަށް ފެނުނު ކޮރޯނާވައިރަހުގެ 50 ކޭހުގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަން ކަށަވަރު ކޮށްދީފައިވާ ނަމަވެސް އޭނާ އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.