އިނގިރޭސި ރާނީގެ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ޗާލްސްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އުމުރުފުޅުން 71 އަހަރުގެ ޕްރިންސް ޗާލްސް މިވަގުތު އަމިއްލައަށް އައިސޮލޭޓްވެވަޑައިގެން ހުންނެވީ ސްކޮޓްލަންޑްގައެވެ.
ކްލެރަންސް ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި ޕްރިންސް އޮފް ވޭލްސް ގެ ހަށިކޮޅުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. އަދި ޖުމުލަ ގޮތެއްގައި ހާލުކޮޅު ރަނގަޅު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ފާއިތުވީ ދުވަސްތަކުގައިވެސް އާދައިގެ މަތިން މަސައްކަތްކުރައްވާ އުސޫލުން ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވިކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޑަޗަސް އޮފް ކޯންވޯލްވެސް މި ވައިރަހަށް ޓެސްޓުކޮށްފައިވާކަމަށާ، ނަމަވެސް ނަތީޖާ ނެގެޓިވްކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާވެސް އިންނެވީ އައިސޮލޭޝަންގައި ކަމަށް ޚަބަރު ލިބެއެވެ.
ޕްރިންސް ޗާލްސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. ފާއިތުވީ ހަފުތާތަކަށް ބަލާއިރު ޕްރިންސް ޗާލްސްވަނީ ބޮޑެތި އިވެންޓްތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ބަކިންގްހަމް ޕެލަސްއިން އާންމުކުރި ބަޔާން ބުނާ ގޮތުގައި އިނގިރޭސިވިލާތު ރާނީ އެލިޒަބަތު 2 ވަނައިގެ ހާލުކޮޅު ރަނގަޅެވެ. ރާނީއާއި ފިރިކަނލުން ޕްރިންސް ފިލިޕް މިވަގުތު ތިއްބެވީ ލަންޑަންގެ ބޭރުން އޮންނަ ވިންޑްޒާގައެވެ.
އުމުރުފުޅުން 93 އަހަރުގެ މަންމާފުޅާ ޕްރިންސް ޗާލްސް އެންމެ ފަހުން ބައްދަލުވެވަޑައިގަތީ މިމަހުގެ 12 ވަނަ ދުވަހު، ބަކިންގްހަމް ޕެލަސްގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.