ޝީޝާ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް، އެ ހިދުމަތް ދިން ފަސް ކެފޭއެއް 5،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ ކާބޯތަކެތީގެ ހިދުމަތް ދީގެން މިމަހުގެ 22 ވަނަ ދުވަހު އެއް ކެފޭ އާއި އިއްޔެ ދެ ކެފޭއެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ޝީޝާ ބޮއެގެން މިމަހުގެ 20 ވަނަ ދުވަހު ދެ ކެފޭއެއް ބަންދުކޮށްފައި ވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ގަވައިދާ ހިލާފު ވެގެން ޖުމްލަ ފަސް ކެފޭ/ރެސްޓޯރެންޓެއް ބަނަދު ކޮށްފައި ވާއިރު، އެ ފަސް ތަންވެސް 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދުކުރަން ސަރުކާރުން ނިންމަފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެންނެވެ. ނަމަވެސް އެ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި އެ ހިދުމަތް ދިނުން މަނާ ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހެވެ. ސަރުކާރުން މިފަދައިން ނިންމާފައި ވަނީ މީހުން އެއްވެ އުޅުމާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ޓަކައެވެ.

ހަމައެއާއެކު މި މަހުގެ 22 ވަނަ ދުވަހު ސަރުކާރުން ވަނީ ގާޑިޔާތައްވެސް ބަންދުކުރުމަށް އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ފަރާތުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 5 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.