ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަދުގެ ހާލަތަށް ބަލާއިރު، މެދުއިރުމަތީގައި އެންމެ ނުރައްކާ ފައްތަރެއްގައި އޮތް އީރާނަށް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އެހީގައި ހިފަން ބޭނުން ނުވާކަމަށް އެގައުމުން ބުނެފިއެވެ.

ބޭރު ގައުމުތަކުން ފޯރުކޮށްދޭ އެހީތެރިކަމުގައި ހިފަން ބޭނުން ނުވާކަމަށް އީރާނުން ބުނެފައިވަނީ، ސިއްހީ އެހީތެރިން ފޮނުވުމަށް ފަރާންސްގެ ޗެރިޓީއަކުން މަސައްކަތް ކުރުމުން، އެ ޓީމުން ފޮނުވާ މެމްބަރުންނަކީ ޖާސޫސް ކުރަން ފޮނުވާ ބައެއް ކަމަށް ތުހުމަތު ކުރުމަށް ފަހުގައެވެ.

އީރާނުން މީގެ ކުރިންވަނީ އެމެރިކާއިން ފޯރުކޮށްދިން ސިއްހީ އެހީ ބަލައިގަތުމަށްވެސް އިންކާރު ކޮށްފައެވެ. އެގޮތުން އެމެރިކާގެ އެހީއަކީ، އީރާނު އިތުރަށް ބަލިކޮށްލަން ފޮނުވާ އެހީއަކަށްވެސް ވެދާނެ ކަމަށް އީރާނުގެ އެންމެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

އީރާނުގެ ސިއްހަތާ ބެހޭ ވަޒީރަށް ލަފާ އަރުވާ މުޝީރު ޢަލީރިޒާ ވިދާޅުވީ، ބޭރު ގައުމުތަކުގެ އަސްކަރީ ބާރުތަކުން ފޮނުވާ އެހީތެރިކަމަށް އީރާނު ބޭނުން ނުވާ ކަމަށާ، އެ ގާބިލިއްޔަތުކަން އީރާނަށް ލިބިގެންވާކަމަށެވެ.

ކަންމިހެން އޮތްއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އީރާނުން 1762 ކޭހެއް ޕޮޒިޓިވްވެ، އެގައުމުން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 24800އަށްވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 1934 އަށް އަރައެވެ.